ޅ. އަތޮޅުގެ ކައުންސިލުތަކަށް އަމާޒުކޮށްގެން އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މަހާސިންތާ އިއްޔެ ނިންމާލައިފިއެވެ.
މި މަހާސިންތާ ފަށްޓަވައިދެއްވީ އަތޮޅު ކައުންސިލުގެ މެންބަރު މުހައްމަދު ހުސައިނެވެ. މި މަހާސިންތާގައި އަތޮޅުގެ ހުރިހާ ކައުންސިލަކުން ޖުމްލަ 18 މަންދޫބުން ބައިވެރިވެފައި ވެއެވެ. ފާދިއްޕޮޅުގެ ހުރިހާ ރަށުކައުންސިލްތަކުންނާއި އަތޮޅު ކައުންސިލުގެ މަންދޫބުން ބައިވެރިވި މި މަހާސިންތާ ބާއްވާފައިވަނީ މިމަހުގެ އެކަކުން ދެއަކަށް ނައިފަރު ގައެވެ.
''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ޅ. އަތޮޅު ކައުންސިލުގެ ޑިރެކްޓަރު މުހައްމަދު އަހުމަދު ވިދާޅުވި ގޮތުގައި މި މަހާސިންތާގެ މަގުސަދުގެ ތެރޭގައި އިދާރީ މަސައްކަތްތަކުގައި އެއް އޮފީހެއްގެ ހުނަރާއި ވަސީލަތްތަކުގެ ބޭނުން އެހެން އޮފީހަކުން ހޯދޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެހިގެން ދިޔުމާއި މަހާސިންތާގެ މަޝްވަރާގެ ޒަރީއާއިން އުފެއްދުންތެރި އާ ޚިޔާލުތައް ވުޖޫދުވެގެން ދިއުމާއި އިދާރީ ފޯމެޓްތަކާ ޑޮކިޔުމެންޓް ނަމޫނާތައް އޮފީސްތަކުގެ މެދުގައި ހިއްސާކުރެވިގެން ދިއުން ހިމެނެއެވެ. އަދި އެކި ކައުންސިލްތަކުގައި މަސައްކަތްކުރާ ވައްޓަފާޅި އެއްބަޔަކު އަނެއް ބަޔަކާ ހިއްސާކުރުމާއި އަދި ހިދުމަތް ދިނުމާއި ގަވާއިދު ތަންފީޒު ކުރުމުގައި ކައުންސިލްތަކުގެ މެދުގައި ހުރި ތަފާތުތައް ކުޑަކުރުން ހިމެނޭ ކަމަށް މުހައްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަހާސިންތާގައި ހުރިހާ ކައުންސިލަކުންވެސް އެކައުންސިލްތައް ހިނގަމުންދާގޮތުގެ ޕްރެސެންޓޭޝަން ހުށަހަޅާފައިވާކަމަށާއި މިޕްރެސެންޓޭޝަނުގައި އެލްޖީއޭގެ ޕާފޯމަންސް އިންޑެކްސްގައި އެކައުންސިލެއް މިހާރު އޮތް ހިސާބާއި، ކުރިއަށް އޮތް އަހަރު އެލްޖީއޭގެ ޕާފޯމަންސް އިންޑެކްސްގައި ކައުންސިލް އޮންނާނެ ކަމަށް ލަފާކުރެވޭ ހިސާބު ހިއްސާކޮށްފައިވާ ކަމަށެވެ.
އަދި ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު އެކުލަވައިލައިފައިވާ ގޮތާއި ގާނޫނު ލާޒިމްކުރާ ލިޔުންތަކާއި ރިޕޯޓްތަކުގެ އިތުރުން ކައުންސިލުން އަމިއްލައަށް އިސްނަގައިގެން މަހުން މަހަށް އުފައްދާ ރިޕޯޓްތަކާއި ގުޅޭ މައުލޫމާތާއި ގަވާއިދުން ނަގައި ބަލަހައްޓާ ތަފާސްހިސާބުގެ މައުލޫމާތު ކައުންސިލުތަކުން ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި ކައުންސިލްތަކުގައި ޓެކްނޮލޮޖީ ބޭނުންކުރެވޭ މިންވަރާއި ކައުންސިލަށް ވޭތުވެދިޔަ އަހަރު އާމްދަނީ ހޯދުމަށް ކޮށްފައިވާ މަސައްކަތްތަކާއި ލިބިފައިވާ އާމްދަނީގެ ތަފްސީލު ކައުންސިލްތަކުން ހިއްސާކޮށްފައިވާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލުތަކުގައިވާ އެންމެ ދެރަ އަދި އުނިސިފަތަކާއި މެދުވެސް ބައްދަލުވުގެ ބައިވެރިން މަޝްވަރާކޮށް، އެއް ކައުންސިލުން އަނެއް ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.