އަލީ ޔާމިން
އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ މިމަހުގެ 15ގެ ނިޔަލަށް އުފައްދާ ގޮފިތަކުގެ ރައީސުންނަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
މުހިންމު ނިންމުންތަކެއް ނިންމާނެ ކަމަށް ބެލެވޭ އެމްޑީޕީގެ ކޮންގްރެސް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ.
އެމްޑީޕީން މިއަދު ހެނދުނު ނެރުނު އިއުލާނެއްގައި ބުނީ، ގޮފި އުފެއްދުމާއި މިހާރު ހުރި ގޮފިތައް އިސްލާހުކުރުމަށް ދީފައިވާ މުއްދަތު މިމަހުގެ 15 އަށް ހަމަވާއިރު، އެ މުއްދަތުގެ ތެރެއަށް ރަސްމީ ބަންދު ދުވަސްތަކެއް ވަންނާތީ އެ ބަންދު ދުވަސްތަކުގައި ހުށަހަޅާ ގޮފި ފޯމުތަކުގެ ޕީޑީއެފް އަދި ގޮފި ލިސްޓުތައް އެކްސެލް ފޯމެޓުގައި [email protected] އަށް ހުށަހެޅޭނެ ކަމަށެވެ.
އެގޮތަށް ހުށަހަޅާ ގޮފި ފޯމްތަކުގެ އަސްލު މިމަހުގެ 17 އަދި 18ގެ މެންދުރު 1:30ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
ކޮންގުރެސްގައި ނިންމާ ބައެއް ކަންތައްތައް:
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޯލިޝަނަކާއެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށާއި އެމްޑީޕީން ވެރިކަމަށް އަންނަން ބޭނުން ނަމަ އެކަނިކުފާނަކީ "ޗޮއިސް" އެއް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެކަމާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުން، ދެވަނަ ދައުރެއް ރައީސް ސޯލިހަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އަދި ވެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ "ޝަރުތު" ހަމަވާ ބޭފުޅެއް ކަމަށާއި ވެރިކަމަށް އައުމަށް އެމްޑީޕީން ތިން ވަނަ ވިސްނުމެއް ގެންގުޅުން މުހިންމު ކަމަށް ވަނީ ވިދާޅުވެފައެވެ.