ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްމަރްޙޫމް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ވެރިކަން ނިމުނުގޮތުގެ މައުލޫމާތާއި އެމަނިކުފާނު އަވަހާރަވިގޮތުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް އޮމްބޮޑުސްޕާސަން އޮފީސް ފޯ ޓްރާންސިޝިނަލް ޖަސްޓިސް (އޯޓީޖީ)އިން ފަށައިފިއެވެ.
އޮމްބޮޑްސްޕާސަން އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އަމީން ދީދީގެ މައްޗަށް ކުރެވުނު ދައުވާ ސާފުވެފައި ނެތުމުންނާއި ކުރެވުނު ޝަރީއަތުގެ ސައްހަ މައުލޫމާތު ލިބިފައި ނުވާތީއާއި، އެމަނިކުފާނަށް ކުރެއްވިކަމަށް ބުނާ އަނިޔާތަކަކީ ކޮބައިކަމާއި، އަނިޔާކުރި ފަރާތްތަކާއި، އެފަރާތްތަކާއިމެދު އެއްވެސް ޝަރީއަތެއް ކުރެވުނުކަން ސާފުވެފައި ނުވާތީ، އެކަންކަންކަމުގެ ހަގީގަތް ހޯދައިދިނުމަށާއި، އެކަންކަން ހިންގާފައިވަނީ ދައުލަތުގެ މުއައްސަސަތަކާއި މުއައްސަސާތަކުގެ އިސް ހިންގުންތެރިން ނިޒާމީ ސިފައެއްގައި ރާވައިގެންކަމަށްބުނެ، އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކުރަން ނިންމައިފައިވާ ކަމަށެވެ.
އެ ހާދިސާއަކީ 1953 ވަނަ އަހަރު ހިނގައިފައިވާ ހާދިސާއެއްކަމުން އެކަމާ ގުޅޭ މައުލޫމާތު އެގޭ ފަރާތްތަކުން އިއްޔެއިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް ނަންނޯޓު ކުރުމަށް އެދޭ ކަމަށް އޮބްބޮޑުސްޕާސަން އޮފިހުން ބުންޏެވެ.
އޮމްބޮޑުސްޕާސަން އޮޕީހުން ބުނީ، އެ ހާދިސާގެ މައުލޫމާތު ދިނުމަށް ނަން ނޯޓު ކުރަން ބެނުންވާ ފަރާތްތަކުން 7337486 އަށް ފޯނުން ގުޅައި، ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އަދި [email protected] އަށް އީމެއިލް ކުރައްވައިގެންވެސް ނަން ނޯޓު ކުރެވޭނެ ކަމަށެވެ.
އަމީންގެ ދީދީގެ މައްސަލަ ބަލައިދިނުމަށް އޮމްބޮޑުސްޕާސަން އޮފީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ލަބީގް މުހައްމަދު މާހިދެވެ. މައްސަލައިގައި ޖުމުލަ ހަ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.
އެގޮތުން ރައީސް އަމީންގެ ވެރިކަން ނިމުނު ގޮތް ސާފުވެފައިނުވުމާއި އެކަމުގެ ހަގީގަތަކީ ކޮބައިކަން ސާފުކުރުން އަދި ރައީސް އަމީންގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރި ދައުވާގެ ސީޣާ ސާފުވެފައި ނެތުމާއި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާތީ، އެކަމުގެ ހަގީގަތް ސާފުކުރުން ހިމެނެއެވެ.
އޭގެ އިތުރުން ރައީސް އަމީންގެ މައްޗަށް ދިވެހި ދައުލަތުން ޝަރީއަތެއްކޮށް، ޚާއިނެތް ކަމަށް ތުންތުންމަތިން ދެކެވޭ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި އަދި ރައީސް އަމީނަށް ވިހަމަނާފުށީގައި އަނިޔާ ކުރުމަށްފަހު ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް، ބިރުވެރިކަމުގައި ޝަރީއަތް ކޮށްފައިވާތީ އެކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
ހުށަހެޅުމުގައި އިތުރަށް ވަނީ، ރައީސް އަމީނަށް ވިހަމަނާފުށީގައި އަނިޔާކުރި މީހުންނަކީ ކޮބައިކަމާއި މާލޭގައި ހަވަރު އެއްވެ، ހަވަރުގެ ތެރެއިން އަމީންގެ ގައިކޮޅުގައި ތަޅައި އަނިޔާކޮށް ހެދި މީހުންނަށް އެއްވެސް ޝަރީއަތެއް ހިންގާފައިވޭތޯ އާއި އެއީ ކޮން ބައެއްކަން ސާފުކުރުމަށްވެސް އެދިފައެވެ. އަދި ހަވަރަށްލައި ތެޅުވުމުގައި އަމަލީ ގޮތުން ބައިވެރިވީ ކޮން ބައެއް ކަމާއި އެކަން ރާވައި އިންތިޒާމު ކުރުމުގައި ޝާމިލު ވަނީ ކޮން ބައެއްކަން ސާފުކުރުންވެސް ހިމެނެއެވެ.
އެ މައްސަލަ ބެލުމަށް ފަށައި ފުރަތަމަ ބައްދަލުވުން އޮމްބޮޑުސްޕާސަން އޮފީހުން ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.
އޮމްބޮޑުސްޕާސަން އޮފީހުން އަންނަނީ ގދ. ތިނަދޫން ކުރީގެ ރައީސް އިބްރާހީމް ނަސީރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ ތަހުގީގު ވެސް އެރަށު ކައުންސިލުން ހުށަހަޅައިފާތީ ކުރަމުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށް ގެންދާއިރު އެންމެ ފުރަތަމަ އަޑުއެހުން ބޭއްވީ ތިނަދޫގައެވެ.
އެ އަޑުއެހުމުގައި ބަޔާން ދިންމީހުން ވަނީ ތިނަދޫ މީހުން ބޭލި ހާދިސާގައި ސިފައިން ކަންތައް ކުރިގޮތާއި ރަށުން ބާލުވައި އެހެން ރަށެއްގައި އުޅެން ޖެހުމުން ދިމާވި ދަތިތަކުގެ ވާހަކަ ކިޔައިދީފައެވެ.
ބަޔާން ދިން މީހުން ބުނެފައި ވަނީ ސިފައިން ތިނަދޫގެ ބައެއް އަންހެނުންނާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށެވެ. އަދި ތިނަދޫން އެ މީހުން ބޭލުވީ ވިއްސާރަ ރެއެއްގައި ކަމަށާއި އޭ ރޭ ކަނޑު ވަރަށް ގަދަ ކަމަށެވެ. އެހެންވެ ބައެއް މީހުން ވަނީ އެ މީހުންގެ އާއިލާ މީހުން ކަނޑުވި ކަމަށް ބަޔާންދީފައެވެ.
އެފަހުން ޝެޑިއުލްކޮށްދައިވާ އަޑުއެހުންތަކައް ބަޔާންދޭނެ މީހަކު ނުވުމުން ވަނީ ކެންސަލްކޮށްފައެވެ.