ޚަބަރު

އަންނަ މަހު މާލޭ ޖަލު ހުސްކުރަނީ

އަލީ ޔާމިން

އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މާލެ ޖަލު ހުސްކޮށް ގައިދީން ހުޅުމާލެ ޖަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އައިމިނަތު ޔުސްރީން "ވަން" އަށް މިއަދު ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ އަންނަ މަހުގެ ތެރޭގައި މާލެ ޖަލު އެއްކޮށް ހުސްކުރުމަށް ކަމަށެވެ. ދިރާސީ އާ އަހަރު ފެށެނީ އަންނަ ދިހަ ވަނަ ދުވަހުއެވެ.

ހޯމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، މާލޭ ޖަލުގެ ގައިދީން ހުޅުމާލޭ ޖަލަށް ބަދަލުކުރުމަށްޓަކައި އެ ޖަލުގައި އިތުރު 400 ވަރަކަށް ޖާގަ އިތުރުކުރާނެއެވެ.

މާލޭ ޖަލުގައި އާއްމުކޮށް ތިބެނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންނާއި ހުކުމްކޮށްފައިވާ ގައިދީންނެވެ. އެ ޖަލަކީ ޓްރާންސިޓް ޖަލެއްގެ ގޮތެއްގައި ބޭނުންކުރާ ޖަލެކެވެ. ހުޅުމާލޭ ޖަލުގައި އާއްމު ގޮތެއްގައި ތިބެނީ އުމުރުން ދުވަސްވީ ގައިދީންނެވެ.

މާލެ ޖަލު ހުސްކުރަނީ، އެ ޖަލާ އިންވެގެން ދަރުމަވަންތަ ސްކޫލު އިމާރާތް ކުރުމާ ގުޅިގެންނެވެ.