ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މާލެ ވަޑައިގެންފި އެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ކުރިއަށް ދިޔަ 46 ވަނަ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކަންޓްރީސް، އޯއައިސީގެ ހާރިޖީ ވަޒީރުންގެ ކައުންސިލު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ. އޯއައިސީގެ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއަށް ސިޔާސީ އަދި ޑިމޮކްރެޓިކް ގޮތުން ލިބިފައިވާ ކުރިއެރުންތަކާއި ބެހޭ މައުލޫމާތު މި ބައްދަލުވުމުގެ ބައިވެރީންނާ ހިއްސާ ކުރައްވައިފައެވެ.
މިނިސްޓަރު ޝާހިދު ޔޫއޭއީއަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ އޯއައިސީ ބައްދަލުވުމުގައި ބައިވެރިވި އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ވެސް ބައްދަލު ކުރައްވައިފައެވެ.