ޚަބަރު

އެމް ސެވަންގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅި މައްސަލައެއް ފުލުހަށް

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕް ކުރި، އެމް ސެވަން ޕްރިންޓާސްގެ މުވައްޒަފުންނަށް ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެމްސެވަންގެ އޮފިޝަލަކު "ވަން"އަށް ވިދާޅުވީ އެމް ސެވަންގެ މުވައްޒަފުން ކޯޓުގައި ހެކިބަސް ދިނުމަށް އެދި ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ފައިސާގެ ބޮޑެތި އަދަދުތަކުން ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލަ މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ދިވެހި މުވައްޒަފުންނަށް އެއް މިލިއަން ރުފިޔާ ހުށަހެޅިއިރު ބިދޭސީ މުވައްޒަފުންނަށް 40،000 ޑޮލަރު ހުށަހެޅި ކަމަށް އެމް ސެވަންގެ އޮފިޝަލް ވިދާޅުވިއެވެ.

އެމް ސެވަންގެ އޮފިޝަލް ވިދާޅުވީ ރިޝްވަތު ހުށަހެޅި މީހުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށާއި މުވައްޒަފުންނަށް ބިރު ދައްކާފައި އެ ވާހަކަތައް ނުދެއްކުމަށް އެންގި ކަމަށެވެ. އަދި އެއީ ގައުމީ ބޮޑު ކަމަކަށް ނިސްބަތްވާ ކަމަކަށް ވުމާއެކު ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި އެކަން ބަލައި ދިނުމަށް ފުލުހުންގެ ފަރާތުން އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިހާބު ބާތިލްކުރުމަށް ރައީސް ޔާމީން ވަނީ އިއްޔެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅައިފައެވެ. އެ މައްސަލައަށް އަންނަ ހޮނިހިރު ދުވަހަށް ލިޔުމުން ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނަށް ސުޕްރީމް ކޯޓުން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.

ނިމިގެންދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު، ރައީސް ޔާމީން ވަނީ ބަލިގަބޫލުކުރައްވައިފައެވެ. ނަމަވެސް ދާއިމީ ނަތީޖާއަށް ފަހު ޕީޕީއެމްއިން ދަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ދާއިމީ ނަތީޖާއަށްފަހު ޕީޕީއެމްއިން ބާއްވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ފުރަތަމަ މުޒާހަރާގައި ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.