ހުޅުމާލޭ ޔޫތު ސިޓީއަކީ ޒުވާނުންގެ ސިޓީއެއް ކަމަށާއި، ޒުވާނުންނަަށް ބޭނުންވާ ހުރިހާ ކަމެއް ޔޫތު ސިޓީން ކުރެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތައް ދައްކާލުމަށް ރޭ ހުޅުމާލޭ ޔޫތު ސިޓީ ސަރަހައްދުގައި ބޭއްވި ކުލަގަދަ ހަފްލާގައި ރައީސް ޔާމީން ވިދާޅުވީ ހުޅުމާލޭ ޔޫތު ސިޓީއަކީ ޒުވާނުންގެ ސިޓީ ކަމަށާއި، ޒުވާނުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ސަރުކާރުން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަޅާ ފުލެޓްތަކަށް އިޝާރާތްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "ސަރުކާރުގެ އަމާޒަކީ މިއިން ކޮންމެ ފުލެޓަކީވެސް ޒުވާނުންނަށް ކުލި ދެއްކޭނެ ފުލެޓްތަކަށް ވުން "ކަމަށާއި،" މި ފުލެޓްތަކުގައި އުޅެމުން މިތަންތަން މިލްކު ކުރެވިދާނެ ބަޔަކަށް ވުން "ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިއަދު ހުރިހާ ބޭފުޅުންވެސް ދައްކަވަނީ ޒުވާނުންގެ ވާހަކަ ކަމަށާއި "ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ އިންޓަރނެޓްގެ އަގު 30 ޕަސެންޓް ހެޔޮ ކުރައްވާނެ" ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަފުގައި ވިދާޅުވީ ރާއްޖޭގައި އިންޓަރނެޓް ދޫކުރުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވާން ޖެހުން ހުއްޓައިލައްވާނެ ކަމަށާއި، "ރާޢްޖޭގެ އަމިއްލަ ސަބްމެރިން ކޭބަލެއް ގަނެގެން އިންޓަރނެޓް 30 ޕަސެންޓް ހެޔޮކުރައްވާނެ" ކަމަށެވެ.