ޚަބަރު

ހއ. އަތޮޅުގެ އަރްޓީއެލް ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފި، މާދަމާ ރަސްމީކޮށް ފަށަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ނިޒާމުގެ ދަށުން ޒޯން އެކެއްގައި ހިމެނޭ ހއ. އަތޮޅުގެ ފެރީ ދަތުރުތަކުގެ އަގުތަކާއި އެ އަތޮޅާއި ހދ. އަތޮޅާ ދެމެދު ދޭ ފެރީ ހިދުމަތުގެ އަގުތަކާއި ތާވަލުތައް މިއަދު އާންމުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހއ. އަތޮޅުގައި އާރްޓީއެލްގެ ދަތުރުތައް ރަސްމީކޮށް ފަށާނީ މާދަމާ ކަމަށާއި މާދަމާ އިން ފެށިގެން ދަތުރުތަކަށް އަގު ނަގާނެ ކަމަށެވެ. އެގޮތުން ހއ. އަތޮޅު ތެރޭގައި ފެރީ ހިދުމަތް ދޭނެ އަގުތަކާއި އެ އަތޮޅުން ހދ. އަތޮޅަށް ކުރާ ފެރީ ދަތުރުގެ އަގުތައް ކަނޑައަޅައި މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.

ހއ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށަށް ފެރީ ދަތުރުކުރާއިރު، އަތޮޅުތެރޭގެ ދަތުރުތަކުގައި އެއް ކޮޅު ޓިކެޓުގެ އަގުތައް އުޅެނީ 35 ރުފިޔާ އާއި 125 ރުފިޔާއާ ދެމެދުގައެވެ. އަދި ދެކޮޅު ޓިކެޓުގެ އަގުތައް އުޅެނީ 65 ރުފިޔާ އާއި 225 ރުފިޔާއާ ދެމެދުގައެވެ. އަދި ހއ. އަތޮޅާއި ހދ. އަތޮޅާ ދެމެދުގެ ފެރީ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގު 130 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގައި ހުރި އިރު، ދެކޮޅު ޓިކެޓުގެ އަގު އުޅެނީ 280 ރުފިޔާ އާއި 300 ރުފިޔާއަށެވެ.

މި ހިދުމަތް ފޯރުކޮށްދެމުން ގެންދާ އެމްޓީސީސީން ބުނެފައިވާ ގޮތުގައި އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް ފީ ނަގައިގެން ފެށުނު ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި އެންސްޕާގައި ރެޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެއެވެ. އަދި އާރުޓީއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މި ދަތުރުތަކަށް ޓިކެޓު ނެގޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި ހިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފެރީތަކެކެވެ. އަދި ފެރީތައް ފަރުމާކޮށްފައިވަނީ ދަތުރުވެރިންނަށް ހިތް ފަސޭހަކަމާއެކު ދަތުރުކުރެވޭނެގޮތަށް އެއާކޯން ކޮށްފައެވެ. އަދި މި ސްޕީޑް ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާކޮށްފައި ވަނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށެވެ.

މިއިން ކޮންމެ ސީޓެއްގައި މޯބައިލް ޗާޖު ކުރެވޭގޮތަށް ޔޫއެސްބީ އައުޓްލެޓެއް ހަރުކުރެވިފައި ހުރިއިރު، ފެރީގައި ފާހާނާ އާއި ލަގެޖު ބެހެއްޓޭނެ ޖާގަ ހާއްސަކޮށްފައި ހުރެއެވެ. އަދި އާރުޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖުގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެއެވެ.

އާރުޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން އެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖައްސާފައި ވަނީ ހއ، ހދ އަދި ށ އަތޮޅަށެވެ. އެމްޓީސީސީން އަންނަނީ ށ. އަތޮޅުގައި މި ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެމްޓީސީސީންނެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ) އާއި ޒޯން 3 (ކ، އއ، އދ އަދި ވ) އާއި ޒޯން 4 ( މ، ފ، ދ، ތ އަދި ލ) އާއި ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.