ފާއިތުވި ފަސް މަސް ތެރޭގައި މުޅި ރާއްޖޭގެ މުދާލައި ހިދުމަތުގެ އަގު 2.5 ޕަސެންޓަށް މަތިވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ހާމަކޮށްފިއެވެ.
އެމްއެމްއޭ އިން މަހުން މަހަށްނެރޭ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރު ފެށުނު އިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.2 ޕަސެންޓުގައެވެ. އަދި މިދިޔަ މަހާ ހަމަޔަށް އިންފްލޭޝަން ރޭޓް ހުރީ 1.1 ޕަސެންޓުގައެވެ. ނަމަވެސް މިދިޔަ މަސް ނިމުނުއިރު އިންފްލޭޝަން ވަނީ 2.5 އަށް މަތިވެފައެވެ.
ތަފާސް ހިސާބުތަކުގައިވާ ގޮތުން މާލޭގެ އިންފްލޭޝަން ރޭޓު މިދިޔަ މަހުގެ ނިޔަލަށް ވަނީ 2.8 އަށް އިތުރުވެފައެވެ. އަދި އަތޮޅުތަކުގެ ރޭޓް ވަނީ 2.1 އަށް އިތުރުވެފައެވެ.
ދުނިޔޭގެ ބާޒާރުގައި ބޮޑުވަމުން އަންނަ ތެލުގެ އަގާއެކު މި އަހަރު ރާއްޖޭގެ އިންފްލޭޝަން ތިން ޕަސެންޓަށް އަރާނެ ކަމަށް އެމްއެމްއޭ އިން ކުރިންވެސް ވަނީ ލަފާކޮށްފައެވެ. އަދި އިންފްލޭޝަންގެ ސަބަބުން ތަކެތި އިމްޕޯޓް ކުރުމަށް ހިނގާ ހަރަދު ބޮޑުވެ ރާއްޖޭގެ ނެޝެނަލް ރިޒާވް ދަށްވާނެ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ލަފާކޮށްފައެވެ.
ގަވަރުނަރު އަލީ ހާޝިމް ވެސް ލަފާކުރައްވަނީ އަންނަ އަހަރާ ހަމައަށް ރާއްޖޭގައި އިންފްލޭޝަންގެ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އިންފްލޭޝަން ބޮޑުވުމަކީ މިވަގުތު އެންމެ ބޮޑު ކަންބޮޑުވުން ކަމަށާއި ހާއްސަ ގޮތެއްގައި ކާބޯތަކެތީގެ އަގުތައް ބޮޑުވުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް ހާޝިމް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައެވެ.