ޚަބަރު

އިންތިހާބު ގާތްވެފައިވަނިކޮށް، ގާނޫނުތައް ބަދަލުކުރާނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ: ފުއާދު

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މަސްދުވަހަށް ގާތްވެފައިވައިކޮށް، އިންތިހާބާބެހޭ ގާނޫނުތަކާއި، ގަވާއިދުތައް ބަދަލު ކުރުމަކީ، އިންތިހާބަށް ވަރަށްބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ވޯޓް ކަރުދާހުގައި ޖަހަން ޖެހޭ ފާހަގައިގެ އިތުރުން ކުރަހައި، ލިޔެ ހަދައިފިނަމަ އެ ވޯޓެއް ބާތިލްވާގޮތަށް އިންތިހާބާބެހޭ ޤާނޫނަށް މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުން އިސްލާހް ގެނައުމަށް މަސައްކަތްކުރަމުދާ މައްސަލައާބެހޭގޮތުން ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، ފުއާދު މިރޭ ވިދާޅުވީ، މިދަނޑި ވަޅުގައި އެފަދަކަމެއް ކޮށްގެންނުވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންތިހާބަށް 3 މަސް ދުވަހަށް ކައިރިވީމަ ދެން ގާނޫނުތަކަށް، ގަވާއިދުތަކަށް، ބަދަލު އައިސްގެނެއްނުވާނެ، އޭރު ރައްޔިތުން ތިބޭނީ ގޮތްތަކަކަށް ނިންމައިފަ، ދެން އެހެންވީމަ ފަހުގެ ދެތިންމަހެއްގެ ތެރޭގައި ގާނޫނުތައް ބަދަލުވެ ގަވާއިދުތައް ބަދަލުވަންޏާ އޮޅުން ބޮޅުންތައް ވެސް މީހުންނަށް އަރައިގެންދާނެ،" ފުއާދު ވިދާޅުވި އެވެ.

ނަމަވެސް ފުއާދު ވިދާޅުވީ، ޖަހަންޖެހޭ ފާހަގައިގެ އިތުރުން ވޯޓު ކަރުދާސްކޮޅުގައި ފާޑު ފާޑުގެ ނިޝާންޖެހުމާއި، ލިއުމާއި ކޯޑު ޖެހުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.

ފުއާދު ވިދާޅުވީ، އިންތިހާބުތަކަށާއި ގަވާއިދުތަކަށް ބަދަލު ގެންނަނަމަ އިންތިހާބުގެ ތިންމަސް ދުވަހަށްވުރެ ކުރިން އެފަދަ ބަދަލުތައް ގެންނަންޖެހޭނެ ކަމަށެވެ.

އެހެންނޫންނީ ރައްޔިތުންގެ އިތުރުން އޮފިޝަލުންފަދަ އިންތިހާބުގެ ކަންތައްތަކުގެ ތެރޭގައި އުޅޭ ފަރާތްތަކަށްވެސް ބޮޑެތި އޮޅުންތަކެއް އަރައި ބޮޑެތި މައްސަލަތަކެއް ދިމާވާނެ އެވެ. އަދި އެފަދަ ބަދަލުތައް ގެންނަންވާނީ، އެކަންކަމަށް ހޭލުންތެރިކުރެވޭނެ ވަގުތު އޮއްވައި ކަމަށްވެސް ވިދާޅުވި އެވެ.

"ހޭލުންތެރިކޮށްދެވޭނެ އެކަށީގެންވާ ވަގުތު އޮއްވައި އެފަދަ ބަަދަލެއް ގެންނަންވާނީ، އެފަދަ ކަންތަކުގެ ސަބަބުން ނުޖެހެންޖެހޭ ކިތަންމެ މައްސަލަތަކެއް ޖެހި ބޮޑެތި ކަންތައްތަކެއް ހިގައިދާނެ، ދެނެގަތުމަށް ބަލައިގަތުމަށް އެކަށީގެންވާ މުއްދަތެއްދޭންޖެހޭ، ގާނޫނީ އުސޫލެއްގެ ގޮތުންވެސް އެކަންތައްތައް ބަލަނީ އެގޮތަށް،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ، ޕްރައިމަރީތަކުން ބަލިވި ފަރާތްތަކަށް މަޖިލިސް އިންތިހާބުގައި ވާދަ ކުރެވޭގޮތަށް ސުޕްރީމް ކޯޓުން ނިންމި ނިންމެވުމަކީވެސް އެކަށީގެންވާ ވަގުތުގައި ނިންނެވި ނިންމެވުމެއް ނޫން ކަމަށެވެ.

މިފަދަ ވަގުތެއްގައި އެފަދަ ނިންމެވުމެއް ނިންމެވުމަކީ ކޮމިޝަންގައި ތިއްބަވާ ބޭފުޅުންނަށްވެސް ވަރަށްބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަންގައި ތިއްބަވާ ބޭފުޅުންނަށް ވަރަށްބޮޑު ދަތިކަމަށްވާނެކަމެއް އެއީ، 2013 ގެ ރިޔާސީ އިންތިހާބުގައިވެސް އެންމެ ބޮޑަށް ދަތިވީ ސުޕްރީމް ކޯޓުގެ އަމުރުތައް. އަޅުގނޑު އިލެކްޝްސް ކޮމިޝަނުގައި ހުރިއިރުވެސް 2013ގެ ރިޔާސީ އިންތިހާބުގައިވެސް ހަމަ އަޅުގަނޑުމެން އެންމެންނަށްވެސް އެންމެބޮޑަށް ދަތިވި ކަމަކީ އެގޮތަށް ސުޕްރީމް ކޯޓުން އެ އަންނަ އަމުރުތައް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސުޕްރީމް ކޯޓުންވެސް އަމުރުތައް ހަމަ ބައްލަވައިފަ ދިރާސާ ކުރައްވައިފަ ނެރުއްވަން ޖެހޭ އަމުރުތަކެއް ނެރުއްވުންހަމަ އެބޭފުޅުން ކުރައްވަން ޖެހޭނެކަމެއް، އެހެންނަމަވެސް ކޮންމެ ކަމަކަށްވެސް އެކަށީގެންވާ ވަގުތެއް މުނާސަބުވަގުތެއް އޮންނަންވާނެ، ފުއާދު ވިދާޅުވި އެވެ.