ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ އަށް ބިލެއް ފާސްކުރުމަށްފަހު މި އަހަރުގެ ދެވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންދާނީ ތިން ދައުރަކަށެވެ. ނަމަވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓު މަހަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ކުރުމާ ގުޅިގެން، މަޖިލީހުގެ ޗުއްޓީ އާއި ދިރާސީ އާ އަހަރުގެ ޗުއްޓީއާ ދިމާކުރުމަށް މަޖިލީހުގެ ގަވާއިދު ވަނީ ބަދަލުކޮށްފައެވެ.
އެގޮތުން ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރު ފެބުރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ހިނގާއިރު، ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ.
އެހެން އަހަރުތަކާ އަޅައި ބަލާއިރު، މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި ނިންމި މައްސަލަތަކުގެ އަދަދު މަދެވެ.
މަޖިލީހުގެ މިއަދު ޖަލްސާ ނިންމައިލައްވަމުން، މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަހަރު މަޖިލީހުން ކުރި މަސައްކަތު ކުރު ތަފުސީލެއް ދެއްވައިފައެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މި ދައުރުގައި މިހާތަނަށް އަށް ބިލެއް ވަނީ ފާސްކޮށްފައެވެ. ބިލުތަކުގެ އިތުރުން ދެ ގަރާރެެއް ވެސް މަޖިލީހުގެ ދެ ވަނަ ދައުރުގައި ފާސްކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ ތެރެއިން ފަސް ބިލެއް ފާސްކޮށްފައިވަނީ ވަގުތު އިތުރުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ޖަލްސާގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ބިލުތައް ފާސްކުރުމުގެ އިތުރުން ބައެއް މަސައްކަތްތައް ނިންމައި މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހައިފައެވެ.
އެގޮތުން މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް، ކްރިމިނަލް ކޯޓުގެ ގާޒީންނަށް އެލަވަންސް ދިނުމަށާއި ސިންގަޕޫރު ސަފީރަކަށް ތަސްމީން އަލީއަށް ރުހުން ދިނުމާއި ސިފްކޯ އާއި ޕޮލްކޯއިން އަޅަމުން ގެންދާ ފްލެޓުތަކުގެ މައްސަލަ އާއި ގަވައިދު ހަދަން ޖެހޭ މުއްދަތުގައި ގަވައިދުތައް ނުހަދާ މައްސަލައިގެ އިތުރުން ކޮވިޑް ދުވަސްވަރު ނެގި ލޯނުތައް ފަސްކުރުމުގެ މައްސަލަ ވަނީ ފާސްކޮށްފައެވެ.
މިއަދުގެ ޖަލްސާ ނިންމައިލައްވަމުން ނަޝީދު ވަނީ މެމްބަރުންގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޝުކުރު ދަންނަވައިފައެވެ.
މި އަހަރުގެ ތިން ވަނަ ދައުރު ފެށޭނީ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ.