އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް އެޑްވާންސްގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ، އެ ފައިސާ ދިވެހި ސަރުކާރާ ހަވާލުކުރީ މިއަދު ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިދިޔަ މާޗް މަހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުގައި ވިދާޅުވެފައިވަނީ، އިންޑިއާއިން ރާއްޖޭގައި ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދަށުން 27 މަޝްރޫއެއް ހިންގުމަށް ނިންމައިފައިވާ ކަމަށެވެ. އެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޕްރީލް މަހުއެވެ.
އެ މަޝްރޫއުތަކަށް 155 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާ ސަރުކާރުން ހަމަޖައްސައިދިނުމަށް ވަނީ ނިންމައިފައެވެ.