މުހައްމަދު ޖަމްޝަތް ވަހީދު
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއަށް ތައްޔާރުކުރި އެންވާރްމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ރިވިއުކޮށް ނުނިމޭ ކަމަށް އެންވާރްމަންޓް ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއު ހިންގުމުގެ ހުއްދައަށް އެދި ޕްލޭނިން މިނިސްޓްރީން އީޕީއޭއަށް އީއައިއޭ ރިޕޯޓު ހުށަހެޅިތާ ފަސް މަސް ވަނީ ފާއިތުވެފައެވެ.
މަޝްރޫއެއް ކުރިއަށް ގެންދެވޭނީ އެކަމުން ތިމާވެއްޓަށް އަސަރު ކުރާނެ ވަރު ބެލުމަށް ހަދާ އީއައިއޭ ރިޕޯޓަށް ބެލުމަށްފަހު އީޕީއޭއިން އެކަމަށް ހުއްދަ ދިނުމުންނެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ވަން" އަށް ވިދާޅުވީ، އަދިވެސް އީއައިއޭ ރިވިއުކޮށް ނުނިމޭ ކަމަށެވެ. އަދި އެ މަޝްރޫއުން ތިމާވެއްޓަށް ލިބޭނެ ގެއްލުން ކުޑަކުރުމަށް އީއައިއޭ ރިޕޯޓަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސީޓިގެ ބިން ހިއްކުމުގެ މަސައްކަތް ލަސްވަނީ އީއައިއޭ ހެދުމުން ފާހަގަވި ގިނަ ކަންތައްތަކަކަށް ބަލަންޖެހޭތީ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފައެވެ. މިދިޔަ އޭޕްރީލް މަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.
ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާ އެކު ކޮންޓްރެކްޓުގައި މިދިޔަ އޭޕްރީލް މަހުގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި އައްޑޫގައި 194.3 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރާނެއެވެ. އެއީ:
މި މަޝްރޫއާ ބެހޭ ގޮތުން ވެން އޫޑްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫއަކީ މުއްސަނދި މާހައުލީ ނިޒާމެއް އޮތް އަތޮޅެއްކަމުން ތިމާވެށި ރައްކާތެރިކުރުމަކީ އެ މަޝްރޫއުގެ ހުރިހާ ކަމެއްގައި އެންމެ އިސްކަންދޭނެ ކަންތައް ކަމަށެވެ. އެގޮތުން އެހެން މަޝްރޫއުތަކުގެ އަލީގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދިރާސާތަކެއް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
އޭގެ އިތުރުން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގައި ބިން ހިއްކުމަށް ވެން އޫޑްއިން ބޭނުންކުރާނީ އެ ކުންފުނީގެ ޑްރެޖިން ފްލީޓުގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖާ އެޗްއޭއެމް 318 އެވެ.