ޚަބަރު

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ނިންމައިފި

މަރިޔަމް ޝަހުދާ

ޖަލުގައި ބަންދު ކުރައްވާފައި ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމު ދޫކޮށްލުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަން ޕީޕީއެމް އާއި ޕީއެންސީން ނިންމައިފި އެވެ.

މި ދެޕާޓީން މިކަން އިއުލާނުކޮށްފައިވަނީ ޕީއެންސީގެ އޮފިޝަލް ޓުވިޓާ މެދުވެރިކޮށް ކުރި ޓުވީޓަކުންނެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކުރަން ނިންމާފައިވާއިރު މީގެ ކުރިންވެސް ޕީޕީއެމް އަދި ޕީއެންސީ އިން ވަނީ، ރައީސް ޔާމީން ބަނދު ކުރި ހަފްތާގައި މުޒާހަރާއެއް ކޮށްފައެވެ.

އޭގެ ފަހުންވެސް މުޒާހަރާ ކުރުމަށް ރޭވުމަށް ފަހު، ބަޔަކު ގަސްދުގައި މުޒާހަރާތެރޭގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެންކަމަށް ބުނެ އެ މުޒާހަރާ ވަނީ ފަސްކޮށްފައެވެ.

މިމަހުގެ 18 ވަނަ ދުވަހު ކުރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެން ރައީސް ޔާމީން ޖަލުގައި ބަންދު ކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ތުހުމަތުކުރާ މަނީލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާގެ ޝަރީއަތް ނިމެންދެންނެވެ.