ރާއްޖޭގައި މިދުވަސްވަރު ހުޅަނގު މޫސުމުގެ ބާރުގަވެފައިވާ އިރު، ރޭ އެކަނިވެސް ކަނޑުމަތީގެ ހަތް ހާދިސާއެއް ހިންގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ހިއްސާކުރި ހާދިސާތަކުގެ ތަފުސީލުތަކަށް ބަލައި އިރު، ރޭ ގިނަ ހާދިސާތައް ހިނގާފައިވަނީ 8 އާއި 9:30 ދޭތެރޭގައެވެ. އޭގެ ތެރެއިން ދެ ހާދިސާއެއްގައި ލޯންޗަކާއި ދޯންޏެއް ބަންޑުން ޖަހާލާފައިވެއެވެ.
އެގޮތުން "ކުރޫޒާ 3" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލައިގެން މީހަކު ގެއްލުނު ނަމަވެސް، އެ މީހާ ފަހުން ވަނީ ފެނިފައެވެ. އަދި ކ. ގިރާވަރު ކައިރިން ދަތުރުކުރަމުންދިޔަ 22 ފޫޓުގެ "ލޮނު ޓެއިލްސް" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުން ޖަހާލައި ހަތަރު މީހަކު ކަނޑުވުމުގެ ހާދިސާއެއްވެސް ރޭ ހިނގިއެވެ. އެ ހާދިސާގައި ކަނޑުވި މީހުން ރޭ 9:26 ހާއިރު އެމްއެންޑީއެފްގެ އެހީގައި ވަނީ މާލެ ގެނެސްފައެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
މި ދުވަސްވަރަކީ ބޮޑު ޗުއްޓީއާއި ދިމާވާ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.