ޚަބަރު

ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރި ވާން ބޭނުންވާ ފަރާތްތަކަށް އެކަމަށްއެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން، (އީސީ) އިން ހުޅުވާލައިފި އެވެ.

އީސީ އިން ވަނީ އެކަން މިރޭ އިއުލާނުކޮށްފައެވެ.

އެގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް އެދޭ ފަރާތްތަކަށް ވަނީ މިމަހު 7 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ހުންނަންޖެހޭ ޝަރުތުތައްވެސް އިލެކްޝަންސް ކޮމިޝަންގެ އިއުލާން ގައި ވަނީ ހާމަ ކޮށްފަ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި މަންދޫބުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް ފޯމް ހުށަހަޅާ މީހަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވާންޖެހެ އެވެ.

އަދި އެމީހާ އަކީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ނުވުމާއި، އެމީހަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެއްވެސް ކަމަކާއި އީސީގެ ފަރާތުން ހަވާލުވެ ހުރި މީހެއް ކަމުގައި ނުވުމުގެ އިތުރުން ފަނޑިޔާރެއް އަދި މިނިވަން މުއައްސަސާއެއްގެ ވެރިއެއް ނުވަތަ މެމްބަރަކަށް ނުވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ސިފައިންގެ މީހަކަށް ނުވަތަ ފުލުހުންގެ މީހަކަށް ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް ކުރިމަތި ނުލެވޭނެ ކަމަށާއި، ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުރި މީހަކަށްވެސް ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް ހުށަނޭޅޭނެކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރި ވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިރޭ ހުޅުވާލާފައިވާއިރު މިއަދު ހަވީރު 3ޖަހާއިރު ހަމަވާންއޮތް މަޖިލީހުގެ އިންތިހާބަށް ރީ ރެޖިސްޓަރ ކުރުމުގެ މުއްދަތު ވަނީ މިރޭ 10:00 އަކަށް އިތުރުކޮށްފައެވެ.