އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށްޓަކައި ގަލޮޅު ދަނޑުގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުމުގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ބެލެވޭތީ އެކަން ބަލައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ އެމްއެންޕީގެ ފަރާތުން 241 ކޮމިޓީގެ ފަރާތުން ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް އަދި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒެވެ.
އެމްއެންޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޔޯގާ ހަރަކަތާކީ މީގެ ކުރީގެ އަހަރުތަކުގައި ރާއްޖޭގައި ބޭއްވި ހަރަކާތެއް ކަމަށް ވިޔަސް މިއަހަރު ޔޯގާ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ހިމެނޭހެން ދީނީ އިލްމުވެރިން އެކަމާ ދެކޮޅަށް އަޑު އުފުލި ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިއަދާ ހަމައަށްވެސް ދީނީ ނަޒަރިއްޔާއަކުން ޔޯގާއާބެހޭ ގޮތުން ރަސްމީ ސިފައެއްގައި ވާހަކަ ދައްކާފައިނުވުމަކީ ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ހިންގި ހަމަނުޖެހުމުގެ އަސްލު ގުޅިފައިވާ ސަބަބު ކަމަށެވެ.
މިހާރުވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޔޯގާ ބޭއްވުމަށް ތާއިދުކުރާ ފަރާތްތަކާއި އެކަމާ ދެކޮޅު ފަރާތްތަކުގެ މެދުގައި ހޫނު ރައްދުދޭތަން ފެންނަމުންދާ ކަމަށާއި އެއީ ދިވެހިންގެ މެދުގައި ފިތުނަވެރިކަމެއް އުފެދުމަށް ސަރުކާރުން ޖާގަ ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އެޕާޓީން ބުންޏެވެ.
ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ނިންމުމާ ގުޅިގެން ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލިގެން ގޮސްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީއަށް ފާހަގަވުމުން އެކަން ފުލުހުންނަށް އެންގުމުންވެސް ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ބާއްވާފައިވަނީ އެކަށީގެންވާ ވަރުގެ ސެކިއުރިޓީ ޕްލޭނެއް ނެތި ކަމަށެވެ. އަދި މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމަށް ފުލުހުން އެއްބަސްވެފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެމްއެންޕީން ބުނީ ރައްޔިތުން، ފުލުހުންނަށް ކުރާ އިތުބާރު މިހާރު ގެއްލެމުންދާ ކަމަށާއި ރައްޔިތުންގެ އިތުބާރު ހޯދުމުގެ ގޮތުން ޔޯގާ ހަމަނުޖެހުމުގެ އަސްލު ފުލުހުން ހޯދަން ޖެހޭ ކަމަށެވެ.
"އެ ރަސްމިއްޔާތުގެ ސެކިއުރިޓީ ފެއިލްވުމުން ދޭހަވަނީ އެ ހަރަކާތާ ގުޅިގެން އިންޓެލިޖެންސް އެސެސްމެންޓް ނުވަތަ ރިސްކް އެސެސްމެންޓެއް ހަދާފައި ނުވާ ކަން. މިއީ އެކަން ހިނގި ގޮތް ކަމުގައިވާނަމަ މިއީ ކަންބޮޑުވާން ޖެހޭ ކަމެއް. އެހެންކަމުން ޔޯގާ ދުވަހުގެ ހަރަކާތް ބާއްވާކަން ފުލުހުންނަށް އެނގުމުން އެ މުއައްސަސާއިން އަމަލު ކުރި ގޮތުގެ ޓައިމްލައިނެއް ހަދައި، ފުލުހުން ފެއިލްވި ސަބަބު ހޯދުމަކީ ރައްޔިތުންގެ މަޖިލީހުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް މިޕާޓީއިން ދެކެން،" އެމްއެންޕީން ބުންޏެވެ.
މިދިއަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްއާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި އެ އޮނިގަނޑަކީ މާކުރިން ނިންމައި އަމަލުކުރަން ޖެހޭ އޮނިގަނޑެއް ނަމަވެސް އެކަން ކޮށްފައިވަނީ rރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން އެކަން ފާހަގަކުރުމުން ކަމަށް ބަޔާނުގައިވެއެވެ.
"ދީނީ ފިތުނައަށް މަގުފަހިވާފަދަ އަމަލެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ ކަމަށް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާއިރު، މިކަމުގައި ސަރުކާރުން އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމަޔަށް ސަރުކާރަށް އަދާކުރެވިފާ ކަމުގައި މިޕާޓީން ޝައްކުކުރަން. މިއީވެސް މި މައްސަލަ ހުށަހެޅުމަށް މެދުވެރިވި އެއް ސަބަބު،" އެމްއެންޕީން ބުންޏެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވުމުގެ ގޮތުން އެތަނަށް ބަޔަކު މީހުން ވަދެ، ހިންގި ހަމަނުޖެހުމަކީ ރާއްޖޭގެ ނަން ދުނިޔޭގެ ކުރިމަތީގައި ކިލަނބުވެގެން ދިޔަ ކަމެއް ކަމަށެވެ. އެ ހަމަނުޖެހުމަކީ ދިވެހިންގެ އާދަކާދައަށް ފުށުއަރާ، އަދި ދުނިޔެއަށް ރާއްޖެ ސިފަވާން ޖެހޭ ގޮތެއް ނޫން ކަމަށް ވެސް އެމްއެންޕީން ބުންޏެވެ.
"މިހެން މިކަން ދިމާވީ މިކަމުގެ އެކި ޒިންމާތައް މަތިކުރެވިފައިވާ އިދާރާތައް މަސްއޫލިއްޔަތު އުފުލުމުގައި ނުކުޅެދުމުން. މީގެ ނަތީޖާއަކަށް ވެގެންދިޔައީ ރައްޔިތުންގެ ތެރެއިން ބަޔަކު ކުށްވެރިވެ، މިހާރުވެސް ޖަލުގައި ހައްޔަރުކޮށްފައިވުން. މިޕާޓީގެ އުންމީދަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން މިކަންކަން ބަލައި، އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވައު، ރައްޔިތުންނަށް އިންސާފު ލިބުމާއި ދައުލަތް ހިންގުން މިހާރަށްވުރެން ހަރުދަނާވެގެން ދިއުން،" އެމްއެންޕީން ބުންޏެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ވަނީ މުއްދަތު ޖަހައިފައެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ވަނީ ޔޯގާ ހަމަނުޖެހުމުގެ ސެކިއުރިޓީ ބްރީޗު މައްސަލައުގެ އިންކުއައިރީއެއް ހަދަން ގޮވާލައި 241 ކޮމިޓީއަށް ހުށަހަޅައިފައެވެ. އަދި އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވި ސިޓީގެ މައްސަލަ ބަލަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވެސް ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން ޔޯގާއާ ގުޅޭގޮތުން ފަތުވާ މަޖިލީހުގެ ރައުޔު ހޯދަން ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.