މުހައްމަދު ޖަމްޝަތް ވަހީދު
ރިސޯޓް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލައިގެން އެވޯޑުކުރި ފަސް ރަށުގެ ތެރެއިން ކަނޑައެޅި މުއްދަތުގައި ފައިސާ ދެއްކީ ހަތަރު ކުންފުންޏަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރާއްޖޭގެ ދިހަ އަތޮޅަކުން 18 ރަށެއްގައި ރިސޯޓު ހަދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖެއިން ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ރަށްތަކަށް ހުށަހެޅުނު ބިޑުތައް އިވެލުއޭޓުކޮށް އޭގެތެރެއިން ފަސް ރަށެއްގެ ބީލަން ކާމިޔާބު ކުރި ކުންފުނިތަކަށް މިނިސްޓްރީން ވަނީ މިދިޔަ އޭޕްރީލް މަހުގައި ރަށްތައް އެވޯޑުކޮށްފައެވެ.
ނަމަވެސް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތައް ބަަލާއިރު، އެ ރަށްތަކުގެ އެކުއިޒިޝަން ކޯސްޓާއި ޓްރެއިނިން ފަންޑުގެ 50 އިންސައްތަ ދެއްކުމަށާއި އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް މިނިސްޓްރީން ކަނޑައެޅި 60 ދުވަހުގެ މުއްދަތުގައި ފައިސާ ދައްކައި އީއައިއޭ ހުށަހެޅީ ހަތަރު ކުންފުންޏަކުންނެވެ. އެ ހަތަރު ކުންފުނިން އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި 10,022,275 މިލިއަން އެމެރިކާ ޑޮލަރު (154,543,480.5 ރުފިޔާ) ވަނީ މީރާއަށް ދައްކައިފައެވެ.
މިނިސްޓްރީން ބުނީ އެ މުއްދަތުގައި އެވޯޑު ލެޓާގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުކޮށްގެން ބާތިލު ކޮށްފައި ވަނީ ހއ. އަލިދުއްފަރުފިނޮޅަށް ޔޫއެމްއައި ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ބީލަން ކަމަށެވެ. އެ ރަށުގެ އެކުއިޒިޝަން ކޯސްޓަކީ 390،000 ޑޮލަރެވެ. އަދި ޓްރެއިނިން ފަންޑަށް ދައްކަންޖެހެނީ 7،000 ޑޮލަރެވެ.