އިބްރާހިމް ޒަކީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އިންތިހާބުގައި، ޕާޓީގެ ޓިކެޓްގައި ނޫން ގޮތަކަށް، ޕާޓީއާ ވަކިން އެމްޑީޕީގެ އިންތިހާބުގައި ވާދަކުރުމަކީ، އެމްޑީޕީއަށާއި، އެމްޑީޕީން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތަަށް ވެވޭ އެންމެބޮޑު ބޭވަފާތެރިވުން ކަމަށް އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް ކެންޑިޑޭޓުން ތައާރަފްކުރުމާއި، އެޖެންޑާ 19އިގެ ބިލްތައް ތައާރަފްކުރުމަށް ބިލްބޯޑާއި ޕޯސްޓަރ ހަރުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ކުރިއަށް ގެންދާ ސުލްހަވެރި ސިޔާސީ ހަރަކާތުގައި، އެންމެ މުހިއްމު އެއްކަމަކީ ވަފާތެރިކަން ކަމަށެވެ.
"އިންތިހާބުގައި ވަކިން ކުރިމަތިލައްވާކަމަށް ވަނީވިއްޔާ އެއަށްވުރެ ބޮޑަކަށް ހަގީގަތުގައި ބޭވަފާތެރިއެއް ނުވެވޭނެ، އަޅުގަނަޑުމެން މިހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދިވެހި ރާއްޖެ އަޅުގަނޑުމެން މިސްރާބު ޖަހާފައިވާ މީޒާނުގައި އެންމެ މުހިއްމު އެއްކަންތައް އެއީ ވަފާތެރިކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް ވާދަ ކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް އިންތިހާބުގައި މާލޭގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބު ކުރުމަކީ އިންތިހާއަށް މުހިއްމުކަމެއް ކަމަށެވެ.
އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ޓިކެޓާއި ނުލައި އަމިއްލަ ގޮތުން މަޖިލީހުގައި ވާދަ ކުރައްވާތީ، ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން މަޖިލިސް އިންތިހާބަށް ނުކުތީ އެތެރޭގައި އިންތިހާބެއް ބާއްވާފައި ކަމަށެވެ.
އަދި އެމްޑީޕީގެ މެންބަރުން، ވަކިން އިންތިހާބުގައި ވާދަ ކުރިނަމަވެސް، އެމްޑީޕީ މެންބަރުންނާއި އެމްޑީޕީއަށް ސަޕޯޓު ކުރައްވާ ބޭފުޅުން އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ނަޝީދު އެދި ވަޑައިގެންނެވި އެވެ.