ޚަބަރު

މިދިޔަ ހަފުތާގައި ޕޮޒިޓިވްވި މީހުންގެ އަދަދު ހާހުން މަތީގައި

ރިފާ ހަލީލު

ރާއްޖޭގައި ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވަމުންދާއިރު މިދިޔަ ހަފުތާގައި ޕޮޒިޓިވްވި މީހުންގެ އަދަދު 1،000 އިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސް ހިސާބުގައިވާ ގޮތުން، މިދިޔަ ހަފުތާތެރޭ 1202 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ބަލައި ނަމަ 170 މީހުންނެވެ.

ތަފާސްހިސާބު ދައްކާގޮތުން މިމަހުގެ 19 ވަނަ ދުވަހު ޕޮޒިޓިވް ވެފައިވަނީ 159 މީހުންނެވެ. 20 ވަނަ ދުވަހު 179 މީހުން ޕޮޒިޓިވްވި އިރު، 21 ވަނަ ދުވަހު 120 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ފާއިތުވި ހަފުތާއަށް ބަލައި ނަމަ އެންމެ ގިނައިން މީހުން ޕޮޒިޓިވް ވެފައިވަނީ 22 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ރާއްޖެއިން 237 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި 23 ވަނަ ދުވަހު 192 މީހަކު ޕޮޒިޓިވް ވެފައިވާއިރު 24 ވަނަ ދުވަހު 134 މީހަކާއި 25 ވަނަ ދުވަހު 181 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް އިތުރުވެފައިވާއިރު، މިހާރު 51 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ. ރާއްޖެއިން މިހާތަނަށް 181،586 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 305 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.