ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނު ބައިވެރިވެވަޑައިގެންފިއެވެ.
ހެލްތު މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މިނިސްޓަރު އަމީން ސައޫދީއަށް ވަޑައިގަތީ، އެގައުމުގައި މިއަދާއި މާދަމާ ކުރިއަށްދާ "ޕޭޝަންޓް ސޭފްޓީ"އާ ގުޅޭ ހަތަރު ވަނަ ގްލޯބަލް މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިބައްދަލުވުމަކީ ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ގައުމުތައް އަހުލުވެރިކުރުވައި، އެކަމާގުޅިގެން ގައުމުތަކުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، އަދި އެހީބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
50 ގައުމެއްގެ ސިއްހަތާބެހޭ ވަޒީރުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިސްވެރިންގެ އިތުރުން އެހީދޭ ޖަމިއްޔާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާ މިބައްދަލުވުމުގައި މިނިސްޓަރު އަމީން ތަގުރީރުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ބައްދަލުވުމުގައި ގައުމުތަކުން ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ހުށަހަޅާ ކަންތައްތަކާއި ގުޅޭގޮތުން "ޖިއްދާ ޑެކްލަރޭޝަން އޮން ޕޭޝަންޓް ސޭފްޓީ"ގައި ސޮއިކުރުމަށް ގައުމުތަކުން މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
އެމިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މިބައްދަލުވުމުގެ ހަވާސާގައި، މިނިސްޓަރު އަމީން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސްއާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެހީދޭ ޖަމިއްޔާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވަން ވެސް ވަނީ ހަމަޖައްސައިފަ އެވެ.