އިބްރާހިމް ޒަކީ
ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް، ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.
ސިންގަޕޫރުގައި ހުންނަވާ ސަފީރުކަމަށް ތަސްމީނު އައްޔަން ކުރުމަށްޓަކައި ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް އެ ކޮމިޓީއަށް ފޮނުވީ މިމަހު 15 ގައެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން، ކޮމިޓީ މެމްބަރުންގެ ސުވާލުތަކަށް ތަސްމީން ވަނީ ޖަވާބު ދެއްވައިފައެވެ.
ތަސްމީން ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގުމުގައި ހައި ކޮމިޝަނަރެއްގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި އިހުލާސްތެރިކަމާއެކު އަދި އިންސާފުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހި، ވަކި ތައައްސުބެއްނެތި ހިދުމަތްކުރައްވާނެ ކަމުގެ ޔަގީންކަން ހުރިހާ މެމްބަރުންނަށް އަރުއްވާ ކަމަށެވެ. ހާރިޖީ ދާއިރާގައި ހިދުމަތް ދިނުމަށް ފުރުސަތެއް ލިބިގެން ދިއުމަކީ ގައުމަށް ހިދުމަތް ކުރަން ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖެއަށް މަންފާ އާއި ލާބަ ލިބޭނެ ގޮތަށް، އަދި ހާއްސަކޮށް ރާއްޖޭގެ ވިޔަފާރި ރަނގަޅު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ތަސްމީން ވިދާޅުވިއެވެ.
ތަސްމީނަށް ކޮމިޓީން ރުހުން ދޭން ހުށަހަޅުއްވަމުން އެ ކޮމިޓީގެ މެމްބަރު، ކެނދި ކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވީ، އެ މަގާމަށް ތަސްމީނަށްވުރެ ގާބިލް ބޭފުޅަކު ހޯދަން އުނދަގޫވާނެ ކަމަަށެވެ.
ތަސްމީނަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި 40 ހަކަށް އަހަރުގެ ތަޖުރިބާ ލިބިވޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި އެކި މަގާމުތަކުގައި ހުންނަވައިގެން ގައުމަށް ހިދުމަތްކުރެއްވި ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ހާރިޖީ ދާއިރާގެ ތަޖުރިބާހުންނެވި ތައުލިމީ ބޭފުޅެއް ކަމަށާއި ރާއްޖޭގެ ސިޔާސީ ބޮޑު ޕާޓީއެއްގެ ލީޑަރުކަން ކުރެއްވި ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އިތުރު ސުވާލެއް ކުރުމަކާ ނުލައި އިތުރު ދިގު ދެންމުމަކާ ނުލައި ތަސްމީނަށް ކޮމިޓީގެ ތާއިދު އޮތް ކަމަށް ނިންމަން ހުށަހަޅުއްވާ ކަމަށް އީސަ ވިދާޅުވިއެވެ.
އީސަގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ.