އޯގަނައިޒޭޝަން ފޯ އިސްލާމިކް ކަންޓްރީސް (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ 46 ވަަނަ ކައުންސިލު ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވަމުން އެބަ ގެންދަވަ އެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އޯއައިސީގެ ބައްދަލުވުމަށް މިނިސްޓަރު ޝާހިދު ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވީ، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޑރ. ހުސައިން ނިޔާޒާއި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުންނެވެ.
އަބޫދާބީގައި އިއްޔެ ފަށާފައިވާ އެވ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ޝާހިދު ވާހަކަފުޅު ދައްކަވާނެ އެވެ. އެގޮތުން ރާއްޖެއަށް ސިޔާސީ އަދި ޑިމޮކްރެޓިކް ގޮތުން ލިބިފައިވާ ކުރިއެރުންތަކާއި ބެހޭ މައުލޫމާތު މިނިސްޓަރު ޝާހިދު މެންބަރު ގައުމަތުކާ ހިއްސާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމައިދާއި އެޑިޝަނަލް ސެކެރެޓަރީ ޖާވިދު ފައިޒަލްގެ އިތުރުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މުސްލިމު ގައުމުތަކުގެ ސުލްހަ އާއި ހަމަޖެހުން ގާއިމްކުރުމުގެ ގޮތުން 1969 ވަނަ އަހަރު ސައޫދީ އަރަބިއްޔާގައި އުފެއްދި ޖަމުއިއްޔާއެއް ކަމަށްވާ އޯއައިސީގައި މިހާރު 57 ގައުމެއް ހިމެނެއެވެ. ދިވެހިރާއްޖެ އޯއަސީގެ މެންބަރަކަށްވެފައި ވަނީ 1976 ވަނަ އަހަރުއެވެ.