ޚަބަރު

72 ކިލޯގެ ޑުރަގް މައްސަލަ: ކުރިމިނަލް ކޯޓުން ބޭރު ކޮށްލި ޝަރީފްގެ މައްސަލަ ބަލަން ހައިކޯޓުން އަންގައިފި

އިބްރާހިމް ޒަކީ

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދައުވާކުރަން ފޮނުވުމަށްފަހު ކޯޓަށް ހުށަހަޅަން ބަޔާން ކޮށްފައިވާ މުއްދަތު ފާއިތުވި ފަހުން މައްސަލަ ކޯޓަށް ހުށަހެޅި ކަމަށް ބުނެ، ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހދ. ނޮޅިވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފުގެ މައްސަލަ ކުރިމިނަލް ކޯޓުން ބޭރު ކޮށްލުމުން އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ކުރިމިނަލް ކޯޓަށް އެ މައްސަލަ ތަހުވީލު ކޮށްފިއެވެ.

ޝަރީފަކީ "މަސްޖަރީ" ނަމަކަށް ކިޔާ ދޯންޏެއްގައި މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި 10 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މި މައްސަލައިގައި މުހައްމަދު ޝަރީފުގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގައި ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ، އެ ދައުވާތައް މައުލޫޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅީ އެ މައްސަލަ ތަހުގީގުކުރުމުގެ މުއްދަތު އިތުރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ކަން ޝަރީއަތަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ.

ގާޒީ އެގޮތަށް ނިންމެވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން ފުރުސަތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ތަހުގީގު ކުރި މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުނެ ދައުވާ ލިބޭ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ކުރި ބަހުސަށް ރިއާޔަތްކުރެއްވުމަށް ފަހުގައެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ފުރަތަމަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް 48 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ އަލުން ހުށަހަޅަން ފުރުސަަތުދީ ހައިކޯޓުންވެސް އެ މައްސަލަ ބޭރުކޮށްލިއެވެ. މިމަހު 12 ވަނަ ދުވަހު ހައިކޯޓުން އެ މައްސަލަ ބޭރު ކޮށްލީ މައްސަލަ ޝަރީއަތުން ކުރިއަށް ގެންދިއުމަށް ބެލި އިރު، މައްސަލައިގެ ދައުވާ ހުށަހަޅާ ފޯމުގައި މައްސަލަ ހުށަހެޅި ފަރާތުގެ ސޮއި ނެތުމުންނެވެ.

އެހެންކަމުން އެ މައްސަލައިގެ އިސްތިއުނާފު ފޯމަކީ ފުރިހަމަ ފޯމަކަށް ނުވާތީއާއި އެ ފޯމަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނާ ހިލާފަށް ހުށަހަޅާފައިވާ ފޯމެއްކަމުން މި މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ހައިކޯޓުގެ ހުކުމް ކުރިއެވެ. އަދި މައްސަލައިގެ އިސްތިއުނާފު ފޯމު ފުރިހަމަކޮށް 48 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ޕްރޮސިކިއުޓާ ޖެނެރަލަށް އޮތް ކަމަށް އަންގައި، ދައުވާ ފޯމު ބާތިލުކުރާ ކަމަށްވެސް ހުކުމުގައިވެއެވެ.

އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދެވަނަ ފަހަރަށް އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

މި ފަހަރު މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމްގައި ވަނީ، އެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ކުރިިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް ޝަރީފުގެ މައްޗަށް އެ މައްސަލައިގައި ބަޔާންކޮށްފައިވާ ދައުވާ އުފުލާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކަމަށް ކަނޑައަޅައި، ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާއަކީ ކުރިމިނަލް ކޯޓުން ބަލަން ޖެހޭ ދައުވާއެއް ކަމަށް ކަނޑައަޅައި އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށްޓަކައި އެ މައްސަލަ ކުރިިނަލް ކޯޓަށް ތަހުވީލުކުރުމަށް ހައިކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރާ ކަމަށެވެ.

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި އެ މަސްތުވާތަކެތީގެ ފުލުހުން އަތުލައިގަތީ 2020 ވަނަ އަހަރުގެ ޑިސެމްބަރު ފަރިދީމަގުގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެ 72 ކިލޯގެ މަސްތުވާތަކެތި ހުރީ ހަތަރު ދަބަހެއްގައި ފޮރުވައިފައެވެ. އެތަކެތީގެ މަގުމަތީ އަގަކީ 71 މިލިއަން ރުފިޔާކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށް ދައުވާ އުފުލި މީހުން:

  • ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ)
  • ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް (28އ)
  • ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38އ)
  • ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު (37އ)
  • ކ. މާލެ / ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް (27އ)
  • ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް (26އ)
  • ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް (34އ)
  • ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން (33އ)
  • ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު (35އ)
  • ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން (30އ)