މުހައްމަދު ޖަމްޝަތް ވަހީދު
ކ. ގުރައިދޫ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ފަތުރުވެރިއެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ގުރައިދޫ އޯޝަން ރިޓްރީޓް އެންޑް ސްޕާ ގެސްޓްހައުސް ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ އަންހެނެކެވެ. އޭނާގެ ހަށިގަނޑު ފެނުނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
ގުރައިދޫ ކައުންސިލުގެ ރައީސް ހުސައިން ޔަމީން މުހައްމަދު މިރޭ 'ވަން' އަށް ވިދާޅުވީ އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އިއްޔެގެ ހަވީރު 6:30 ހާއިރު ކަމަށާއި އޭނާ ފެނުނުއިރު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށެވެ.
އަދި އޭނާ އުޅުނީ ބަލިވެ ކަމަށާއި ކޮޓަރީގައި ރެސްޓުކުރަން ބޭނުންވާ ކަމަށާއި ރޫމްސާވިސް ދިނުމަށްވެސް އުނދަގޫ ނުކުރުމަށް އޭނާ އެ ތަނުގެ މުވައްޒަފުންނަށް އިރުޝާދު ދީފައި އޮތުމުން ހަށިގަނޑު ފެނުނީ މަރުވިތާ ގާތްގަނޑަކަށް އެއް ދުވަސްވަރު ފަހުން ކަމަށް ބެލެވޭ ކަމަށް ޔަމީން ވިދާޅުވިއެވެ.
"އޭނަ އުޅުނީ ބަލިވެ. ސިއްހީ މަރުކަޒަށް ދެއްކުމަށްފަހު ގެސްޓުހައުސްއަށް ގޮސް އެންގީ ރެސްޓުކުރަން ބޭނުންވާ ކަމަށް. އަދި އެއްވެސް ވަރަކަށް ޑިސްޓާބް ނުކުރަން. ފުޑްވެސް ކޮޓަރި ކައިރީ ބޭރުގަ ބަހައްޓަން" ޔަމީން ވިދާޅުވި އެވެ.
ޔަމީން ވިދާޅުވީ އެ ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު މެންދުރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.