ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.
އެސްޓީއޯއިން އިއްޔެ ބުނީ، ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ދަނީ އުފުލެމުން ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިއްކާ ތެލުގެ އަގުބޮޑުކޮށްފައިވާ ކަމަށެވެ.
މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.55 ރުފިޔާއަށް ކަމަށާއި އަދި ޑީސަލް ލީޓަރެއް ވިއްކާނީ 16.77 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.
މިއީ މިއަހަރު ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކުރި ހަތަރު ވަނަ ފަހަރެވެ.
އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގުބޮޑުކުރީ މިދިޔަ މާޗު މަހުގެ ފަސް ވަނަ ދުވަހުއެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑު ކުރީ 14.60 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް އަގު 14.80 ރުފިޔާއަށެވެ.
އެސްޓީއޯއިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ވެސް ތެޔޮ ވިއްކާ އަގުބޮޑު ކޮށްފައެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑު ކުރީ 12.98 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް 13.04 ރުފިޔާއަށެވެ.
މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހު ވެސް އެސްޓީއޯން ވަނީ ތެޔޮ ވިއްކާ އަގު ބޮޑު ކޮށްފައެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑު ކުރީ 11.16 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް އަގު 11.84 ރުފިޔާއަށް ބޮޑު ކުރިއެވެ.