ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާ ބައްދަލުކޮށް ނޫސްވެރިންގެ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން ކުރިމަތިވާ ދަތިތައް ސަމާލުކަމަށް ގެނެސް، އެކަންކަން ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި އެމްޖޭއޭގެ ފަރާތުން ބައިވެރިވީ އެ ޖަމިއްޔާގެ ރައީސް އަލީ ރިފްޝާނާއި ނައިބު ރައީސް އަޒްމީ އަލީގެ އިތުރުން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފެވެ.
އެ ބައްދަލުވުމުގައި އެމްޖޭއޭގެ ރައީސް ރިފްޝާން ވިދާޅުވީ، މިފަހަކަށް އައިސް ނޫސްވެރިންގެ މަސައްކަތްތަކަށް ފުލުހުންގެ ފަރާތުން ދަތިތައް ކުރިމަތިވުމުން ދާކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އަދި ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކޮށްދީ ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމުގައި ފުލުހުންގެ އެއްބާރުލުން ބޭނުންވާކަމަށް ރިފްޝާން ވިދާޅުވިއެވެ.
ރިފްޝާން ވިދާޅުވީ، ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ދިމާވާ އެފަދަ ކަންކަން ހައްލު ކުރުމުގައި ފުލުހުންނާ ގުޅިގެން އެމްޖޭއޭއިން މަސައްކަތްކުރާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ކޮމިޝަނަރު ހަމީދު ވަނީ ފުލުހުންގެ ކިބައިން ނޫސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރަން ނޫސްވެރިންނާ މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެމްޖޭއޭއަށް ދެއްވައިފައެވެ.