ޚަބަރު

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ނުވަ ވަނަ ބުރިން ވެއްޓި މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ އެ ހާދިސާގައި މަރުވީ ޗައިނާ ރައްޔިތެއް ކަމަށާއި އޭނާ ވެއްޓިފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހަދަމުން ދިޔަ އިމާރާތެއްގެ ނުވަ ވަނަ ބުރީން ކަމަށެވެ.

"އެ މީހާ ވެއްޓުނީ، ހަވަނަ ޓަވަރުގެ ނުވަ ވަނަ ބުރީން ދެވަނަ ބުރިޔަށް." ފުލުހުންގެ މީޑިއާއިން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މަސައްކަތް ކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ދަށްކޮށް ހުރުމުގެ ސަބަބުން ދިމާވާ ހިތާމަވެރި ހާދިސާތައް ފަހަކަށް އައިސް ވަނީ ވަރަށް ވޮޑަށް އިތުރުވެފަ އެވެ. އެކަމާ ގުޅޭ ގޮތުން ހަރުދަނާ އުސޫލުތަކެއް ހިމަނަައި، އިހުމާލުވާ ފަރާތްތައް ޖޫރިމަނާކުރެވޭނެ ގަވައިދެއް ވެސް ސަރުކާރުން ދާދި ފަހުން ވަނީ އާންމުކޮށްފަ އެވެ.