އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ގޮވާލާ ހާއްސަ ޕެޓިޝަނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެކަމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ "ވަން އޮންލައިން"އަށް ވިދާޅުވީ މިއަދު ހަވީރު އާޓިފިޝަލް ބީޗުން އެ ޕެޓިޝަނަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.
"ވަރަށް ރަނގަޅަށް ދިމާވީ. ކޯ އިންސިޑެންޓްކޮށް އެ ހިސާބުން އެމްޑީޕީ އެޖެންޑާ 19 ހިނގާލުން ފެށީ. ރައީސް ނަޝީދާއި ބައެއް މަޖިލިސް މެމްބަރުން އަދި ބައެއް ސްޓޭޓް މިނިސްޓަރުން ވެސް އެ ޕެޓިޝަނުގައި ސޮއިކުރެއްވި،" އޭނާ ވިދާޅުވިއެވެ.
ޝުނާނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޭސީސީ ފެއިލްވެފައިވާ ކަމަށް ބުނެ އޭސީސީ މެމްބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރިއަށްގެންދިޔަ މުޒާހަރާގައި ވެސް ބައެއް ފަރާތްތަކުން އެ ޕެޓިޝަނުގައި ސޮއިކޮށްފައިވާ ކަމަށާއި އައްޑޫ ސިޓީން ޕެޓިޝަނުގައި ސޮއިކޮށް ފޮނުވުމުން ރައްޔިތުންގެ މަޖިލީހަށް އެ ޕެޓިޝަން ހުށަހަޅުއްވާނެ ކަމަށެވެ.
އަންނަ ހަފުތާ ތެރޭ މަޖިލީހަށް އެ ޕެޓިޝަން ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދިވެސް އެ ޕެޓިޝަނުގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ޝުނާނާ ވިދާޅުވިއެވެ.
ޝުނާނާ އިސްކޮށް ހުންނަވައިގެން މި މަހު 15ގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޭސީސީން ފެއިލްވެފައިވާ ކަމަށް ބުނެ މެމްބަރުން އިސްތިއުފާ ދިނުމަށް ގޮވާލައި މުޒާހަރާއެއްވެސް ކުރިއަށް ގެންގޮސްފައެވެ.
އާންމުންގެ ފަރާތްތަކުން ގިނަ ބޯޑުތަކާއެކު ބައިވެރިވި އެ މުޒާހަރާގައި ގޮވާލާފައިވަނީ ކޮރަޕްޝަން ހުއްޓުމާއި އޭސީސީ މެމްބަރުން ބޭރު ކުރުމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުންކުރި މަޖިލިސް މެމްބަރުން ހާމަކޮށް، އެ ފައިސާ ލިބުނު މަޖިލިސް މެމްބަރުން މިއަހަރުގެ މަޖިލިސް އިންތިހާބުގައި ނުހޮވުމަށްވެސް ވަނީ އެ މުޒާހަރާގެ ބައިވެރިން ގޮވާލައިފައެވެ.