ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުުލުހުން ހައްޔަރުކޮށްފައި ވަނީ:
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުހައްމަދު ނަދީމާއި މުހައްމަދު މައުސޫމާއި މުހައްމަދު ހުސައިންގެ އިތުރުން އަމީން އަހުމަދު ކަމަށެވެ. މުހައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްގެ މައްޗަށް ޖެހީ ފަސް ދުވަސް ކަމަށްވެސް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން އިއްޔެ ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަމުންދާ އިރު، މައްސަލައިގައި ޝާމިލުވާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.