ރާއްޖޭގައި ކޮވިޑު-19 ފެތުރުން އިތުރުވަމުންދާތީ އާންމު ތަންތަނުގައި މާސްކު އަޅައިގެން އުޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދުވަސްވަރު ދުނިޔޭގެ އެކި ގައުމުތަކާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ކޮވިޑް ކޭސްތައް މިމަހުގެ ދެ ވަނަ ހަފުތާއާ އަޅައި ބަލާއިރު ތިން ވަނަ ހަފުތާގައި 185 ޕަސަންޓް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެފައިވާ އިރު، މިމަހު ކޮވިޑް ބަލީގައި ތިން މީހަކު މަރުވެފައިވާ ކަމަށެވެ.
މި ދުވަސްވަރަކީ ޗުއްޓީއާ ދިމާކޮށް ވަރަށް ގިނަ ފަރާތްތަކުން އަތޮޅުތެރޭގެ ރަށްތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުތައް ކުރާ ދުވަސްވަރަކަށް ވާތީ، އަރިދަފުސް ރޯގާ އަދި އެހެނިހެން ބަލިތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ވަނީ އެއްވުންތަކާއި ހަފުލާތައް ބާއްވާއިރު ސަމާލުކަން ދިނުމަށްވެސް އެދިފައެވެ. އެގޮތުން ކޮންމެހެން ބާއްވަން ޖެހޭ ހަފުލާތައް ފިޔަވައި އެހެން ކަންކަން ލަސްކުރުމަށާއި ކޮންމެހެން ބާއްވަން ޖެހޭ ހަފުލާތައްވެސް މަދު މީހުން އެއްވާ ގޮތަށް ނުވަތަ އޮންލައިންކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އަދި ރައްކާތެރިގޮތުގައި އިވެންޓުތައް ބޭއްވުމަށް ކަނޑައެޅިފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ވެކްސިން ޑޯޒުތައް ފުރިހަމަކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. ކޮވިޑް އަދި އިންފުލެއެންޒާ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަކީ ބަލި ޖެހުމުން ރައްކާތެރިވުމަށް އަދި ބަލި ޖެހުނު ނަމަވެސް ބޮޑުވަރު ނުވެ، ބަލި ފަސޭހަވުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.