ހައްޖު ކޯޕަރޭޝަންގެ އާ އޮފީސް އިމާރަތްކުރަން ހުޅުމާލެއިން ބިމެއް ދީފިއެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައްޖު ކޯޕަރޭޝަނަށް ހުޅުމާލެއިން ބިމެއް ދިނުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދުއެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހާމިދެވެ.
ހައްޖު ކޯޕަރޭޝަނަށް ދީފައިވަނީ އަމީން އެވެނިއު ކުރިމަތީގައި އޮންނަ ހުސްބިމެވެ. އެއީ 5،000 އަކަފޫޓުގެ ބިމެކެވެ.
އެ ބިމުގައި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އަދި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ތިން އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ހައްޖު އޮފީހުގެ އެކި ޑިޕާޓްމެންޓުތައް މިހާރު ހިންގަނީ މާލޭ އެކި އިމާރަތްތަކުން ކުއްޔަށް ހިފައިގެންނެވެ.
އެ ކުންފުނީގެ މައި އޮފީސް ހިންގަނީ ވެސް ކުއްޔަށް ހިފާފައިވާ އިމާރާތެއްގައެވެ.