ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގެ މައްސަލަ ބަލައި ކްރިމިނަލް ކޯޓުގެ ބެންޗުގެ ރިޔާސަތަށް ގާޒީ ދީބަނާޒު ފަހުމީ ހަމަޖައްސައިފިއެވެ.
ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެކުލަވާލި ތިން ގާޒީންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އާދަމް މުހައްމަދު ވަނީ މި މަހުގެ 12 ވަނަ ދުވަހު އެ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ. އެއީ މައްސަލައިގައި ހިމެނޭ މއ. ކުދެހިގެ، އިސްހާގުއާ އޭނާއާ މަސްލަހަތު ފުށުއަރާ ހާލަތެއް އޮތުމުންނެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވަނީ، އެ މައްސަލަ ބަލާ ބެންޗުން ރިޔާސަތަށް ގާޒީ ދީބަނާޒު ހަމަޖެއްސިކަން ކަށަވަރު ކޮށްދެއްވައިފައެވެ.
ދީބަނާޒަކީ ކްރިމިނަލް ކޯޓުގެ ފުރަތަމަ އަދި ހަމައެކަނި އަންހެން ފަނޑިޔާރެވެ. ދީބަނާޒު ކްރިމިނަލް ކޯޓަށް އައްޔަން ކުރީ 2 ސެޕްޓެމްބަރު 2020 ގައެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައިވަނީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.