އަޅުގަނޑުމެން އެކުގައި މަސައްކަތް ކޮށް ރާއްޖެ އަކީ އަމާން ތަނަކަށް ހައްދަވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ. އިބޫ މިހެން މިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އިބޫ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި މާރާމާރީ އިތުރުވެ ކުޑަކުދީން މާލޭ މަގުތަކުގައި މަރައިލުމުން، ކަންކަން ފާލުން ނެއްޓި ބޮއްސުންލާފައިވާ މިންވަރު ދައްކުވައިދޭ ކަމަށެވެ.
އިންތިޚާބީ ރައީސް މިހެން ވިދާޅުވި އިރު ފާއިތުވި ހަފުތާއެއްހައި ދުވަސް ތެރޭ ވަޅި ޖެހުމުގެ ގިނަ ހާދިސާ ތަކެއް ވަނީ ހިނގައިފަ އެވެ.
އެ ގޮތުން، މާލޭގައި މި ހަފުތާތެރޭގައި ހަތަރު ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ އޮލިމްޕަސް ކައިރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އަދި މާލޭގައި ބުދަ ދުވަހުގެ މެންދުރު ގިޔާސުއްދީން ސްކޫލް ކައިރީގައި ވެސް ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. އޭގެ ތެރެއިން އައްޑޫގައި ޒަހަމްކޮށްލި ދެ ޒުވާނުންގެ ތެރެއިން އެއް ޒުވާނާ އަދި އޮލިމްޕަސް ކައިރީގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސްއެވެ.