ޚަބަރު

ޔޯގާ ދުވަސް ފާހަގަކުރަން ތިއްބައި އަރައިގަނެ އެ ހަރަކާތް ހުއްޓުވައިފި، ހަ މީހަކު ހައްޔަރަށް

ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ދަނިކޮށް، ބަޔަކު ދަނޑަށް އަރައިގަނެ، އެ ހަރަކާތް ހުއްޓުވައިފިއެވެ.

ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދިނެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.

ދަނޑަށް އަރައިގެން މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެންނެވެ. އަދި އެ މީހުން ވަނީ ދަނޑުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދައި، އެ އެއްޗެހި ބޭނުންކޮށްގެން ހަމަނުޖެހުން ހިންގައިފައެވެ.

ދަނޑުގައި ހަމަނުޖެހުން ހިންގަން ފެށުމާއެކު ފުލުހުންގެ ފައުޖެއް އެތަނަށް ގޮސް، ޕެޕާ ސްޕްރޭ ޖަހައި ހަ މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި އެއްވެސް ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ.

ޔޯގާ ދުވަހުގެ ހަރަކާތް ފުރަތަމަ ބާއްވަން އުޅުނީ ރަސްފަންނުގައެވެ. ނަމަވެސް އެ ހަރަކާތާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލުން އެ ހަރަކާތަށް ރަސްފަންނު ނުދޭން ނިންމިއެވެ.