ސަރުކާރު އޮފީސްތަކުން އާ މަގާމް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލަން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި މިއަދު ދައުލަތުގެ އޮފީސްތަކަށް ފޮނުވި "މާލިއްޔަތާ ބެހޭ ސާކިއުލާ" އެއްގައި ބުނެފައިވަނީ ތެލާއި އެހެން ބައެއް ބާވަތްތަކުގެ އަގުތައް މައްޗަށް ދާތީ މިވަގުތު ރާއްޖެއިން ވެސް ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ. އަދި ތަކެތީގެ އަގުތައް އަންދާޒާކުރި ވަރަށް ވުރެ ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި ހަރަދު ބޮޑުވުމުގެ ސަބަބުން ރިކަރެންޓް ހަރަދަށް ކުރަން ޖެހޭ އަދަދު އިތުރުވެ ބަޖެޓައް ބުރަބޮޑުވަމުންދާ ކަމަށް ސާކިއުލާގައިވެއެވެ.
"ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ހަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވެގެންދާ ނަމަ މި ޑެފިސިޓް ފައިނޭންސް ކުރުމަށް ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެ އެވެ،" ސާކިއުލާގައިވެއެވެ.
މި ދަނޑިވަޅުގައި ރިކަރަންޓު ހަރަދަށް ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ވީހާވެސް ހަރަދުކުޑަކޮށްގެން މަސައްކަތްކުރުމަށް ސާކިއުލާގައި ވަނީ އަންގައިފައެވެ.
ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ ހުރިހާ އޮފީސްތަކުން މާދަމާ އިން ފެށިގެން އެ ސާކިއުލާ އަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ހަރަދު ކުރުމުގައި ވެސް އެ ފިޔަވަޅުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.