މުހައްމަދު ޖަމްޝަތް ވަހީދު
ދިވެހި ނޫސްވެރިންގެ ޖަމިއްޔާ, މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސަށް "ވަން އޮންލައިން" ގެ މެނޭޖިން އެޑިޓަރު، އަލީ ރިފްޝާން އިންތިހާބު ކޮށްފިއެވެ.
ސްޓެލްކޯގެ ސެމިނާ ރޫމްގައި މިއަދު ބޭއްވި އެމްޖޭއޭގެ އަހަރީ އާންމު ޖަލްސާގައި ވަނީ އެ ޖަމިއްޔާގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބުކޮށްފައެވެ. އެޖަމިއްޔާގެ ރައީސްގެ މަގާމު އަދާކުރައްވަމުން ގެންދެވި މުހައްމަދު ހަމްދޫން އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާތީ ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި އެ މަގާމަށް ވާދަކުރެއްވީ ރިފްޝާން އެކަންޏެވެ.
ރިފްޝާން ކުރިން ހުންނެވީ އެ ޖަމިއްޔާގެ ނައިބު ރައީސްގެ މަގާމުގައެވެ. މިއަދުގެ ޖަލްސާއަށް 26 މެމްބަރުން ހާޒިރުވި އިރު، ރައީސްގެ މަގާމަށް ރިފްޝާން އިންތިހާބުކުރީ 100 ޕަސެންޓް ވޯޓުންނެވެ.
ރިފްޝާން ރައީސަކަށް އިންތިހާބުވުމުން ނައިބު ރައީސްގެ މަގާމު ވަނީ ހުސްވެފައެވެ. އެހެންވެ އެ މަގާމަށްވެސް މިއަދުގެ ޖަލްސާގައި ވަނީ ބޭފުޅަކު އިންތިހާބުކޮށްފައެވެ. އެމަގާމަށް ކުރިމަތިލެއްވީ "ދުވަސް"ގެ ފައުންޑާ އަދި އެޑިޓަރު އަޒްމީ އަލީއެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރީ 20 މެމްބަރުންގެ ވޯޓުންނެވެ.
މިއަދު ކުރިއަށްގެންދިޔަ ޖަލްސާގައި އެ ޖަމިއްޔާގެ ފާއިތުވި ތިން އަހަރުގެ އަހަރީ ރިޕޯޓުތައް ވެސް ވަނީ ފާސްކޮށްފައެވެ. އަހަރީ ރިޕޯޓުތައް ފާސްކުރީ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ. މިއަދުގެ ޖަލްސާގައި އެ ޖަމިއްޔާއިން ކުރިއަށް ރާވާފައި ހުރި މުހިންމު ކަންކަން ވަނީ އިއުލާނުކޮށްފައެވެ.
އެގޮތުން އިއުލާނުކުރި ކަންތައްތަކުގެ ތެރޭގައި އަންނަ އޮގަސްޓް މަހު ފޮޓޯ ޖާނަލިސްޓުންގެ އެގްޒިބިޝަނެއް ބޭއްވުމާއި ނޫސްވެރިން ކުރިއެރުވުމަށް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް ފަންޑެއް ހުޅުވުން ހިމެނެއެވެ.
މިއަދުގެ ޖަލްސާ އަށް ހާޒިރުވި އާއްމު މެމްބަރުން ވަނީ އެ ޖަމިއްޔާގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށާއި ނޫސްވެރިންނާ ގުޅުންހުރި ހަރަކާތްތައް ވީހާވެސް ބޮޑަށް ހިންގުން ފަދަ ކަންކަން އިތުރުކުރުމާ ބެހޭގޮތުން ހިޔާލު ފާޅުކޮށްފައެވެ.
މިއަދު ޖަލްސާގައި އެ ޖަމިއްޔާގެ އަސާސީ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށްވެސް ތާވަލު ކުރި ނަމަވެސް އެކަމަށް ބޭނުންވާ އަދަދަށް މެމްބަރުން ހާޒިރުވެފައި ނުވާތީ އެކަން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
އެމްޖޭއޭއަކީ ނޫސްވެރިކަމަށާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އުފައްދާފައިވާ ނޫސްވެރިންގެ ޖަމިއްޔާއެކެވެ.