މާރާމާރީ

ޝައްފާންގެ ކަށުނަމާދު މިއަދު އަސުރު ނަމާދަށްދަހު

ރޭ ދަންވަރު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ 14 އަހަރުގެ އިސްމާއީލް ޝައްފާން ޝަރީފްގެ މައްޗަށް ކުރާ ކަށުނަމާދު މިއަދު އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.

ޝައްފާނަށް ވަޅިން ހަމަލާދީފައިވަނީ ރޭ 2:00 ހާއިރު އަމީރު އަހްމަދު ސްކޫލު ކައިރީ ހުންނަ އޮޓޯގަރާޖު ކުރިމަތިންނެވެ. އޭނާއަކީ ޖަމާލުއްދީން ސްކޫލް، ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.

ޝައްފާނަށް ހަމަލާދީ މަރާލާފައިވާ އިރު، މި ހަފުތާތެރޭގައި ހަތަރު ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ މާލޭގެ އޮލިމްޕަސް ކައިރީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. އަދި މާލޭގައި ބުދަ ދުވަހުގެ މެންދުރު ގިޔާސުއްދީން ސްކޫލް ކައިރީގައި ވެސް ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފައެވެ. އޭގެ ތެރެއިން އައްޑޫގައި ޒަހަމްކޮށްލި ދެ ޒުވާނުންގެ ތެރެއިން އެއް ޒުވާނާ އަދި އޮލިމްޕަސް ކައިރީގައި ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސްއެވެ.

އޭގެ އިތުރުން ބުދަ ދުވަހުގެ ރޭ މާރާމާރީއެއް ހިންގަން އުޅުނު ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ފަސް މީހުން ހައްޔަރުކުރީ ފިހާރައަކުން ވަޅިތަކެއް ގަނެގެން ކަނިވާ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ޝައްފާނުގެ މަރާގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނުގައި ނުރައްކާތެރި މާރާމާރީތައް ހުއްޓުވުމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ކުށްތައް މަދުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ވަނީ ފާހަގަ ކޮށްފައެވެ.