ރިފާ ހަލީލު
ގއ. ދާންދޫގައި މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އުޖޫރަ ދެވޭނެ އުސޫލެއް އެކުލަވާލައި އެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.
ދާންދޫ ކައުންސިލުން ބުނީ މި އުސޫލަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ހަދާފައިވާ އުސޫލެއް ކަމަށެވެ.
ދާންދޫ ކައުންސިލުން އިއްޔެ އާންމުކޮށް މިހާރު އަމަލުކުރަން ފަށާފައިވާ މި އުސޫލުގެ ދަށުން އެރަށުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭނީ ހަމައެކަނި އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓްރީވެފައި ތިބި ބިދޭސީންނަށެވެ. ރެޖިސްޓްރީނުކޮށް ތިބޭ އެއްވެސް ބިދޭސީއަކަށް މި އުސޫލުން މަސައްކަތް ކުރުން މަނާވާނެ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
މި އުސޫލުގެ ދަށުން ބިދޭސީންނަށް ދުވަހު އުޖޫރަ ދިނުމުގައި މަސައްކަތް ވަޒަންކުރާ މިންގަނޑުތަކާއި ކެޓެގެރީތައް ވަނީ އެކުލަވާލައިފައެވެ. އެގޮތުން ކުރާ މަސައްކަތުގެ ކުޑަބޮޑު މިނަށް ބަލައި، އުޖޫރައިގެ ގޮތުގައި ފައިސާ ދެވޭނެ އަދަދުތައްވެސް އެ އުސޫލުގައި ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން އާންމުންގެ ގޯތިގެދޮރުގައި ހުންނަ ރުއްގަސް ކަނޑައި ސާފުކުރުމާއި ގޯތިގެދޮރު ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީންނަށް ދެވޭނީ ދުވާލަކު 250 ރުފިޔާ އާއި 800 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އަދި ނަރުދަމާ ޖަންގްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތަށް ދެވޭނީ ދުވާލަކު 10 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދުގެ އުޖޫރައެކެވެ.
އޭގެ އިތުރުން އާންމު ރައްޔިތުންނަށް ކޮށްދޭ ކުދި ކުދި މަސައްކަތްތަކަށް ދުވާލަކަށް 20 ރުފިޔާ އާއި 150 ރުފިޔާގެ އުޖޫރައެއް ކަނޑައަޅާފައިވާ އިރު، ފައިބަރު މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނަށް ދެވޭނީ ދުވާލަކު 300 ރުފިޔާ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ދާންދޫ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭ ފަޅުތެރެއިން ހުއްދަ ނަގައިގެން ދޮންވެއްޔާއި ކަށިވެލި ނެގުމުގެ އުސޫލާ އެއްގޮތަށް ނެގޭނެ އަގުތައްވެސް ވަނީ މިންކޮށްފައެވެ. އެގޮތުން ނަގާ ކޮންމެ ދޮންވެލި ބަސްތާއެއް ވިއްކޭނީ އަށް ރުފިޔާއަށެވެ. އަދި ކަށިވެލި ބަސްތާއެއް ވިއްކޭނީ 25 ރުފިޔާއަށެވެ. މިއިން ކޮންމެ ބަސްތާއަކުން އެއް ރުފިޔާ ދާންދޫ ކައުންސިލަށް ދޭންޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ.
މި އުސޫލުގައިވާގޮތުން ބިދޭސީން ލައްވައި މަސައްކަތް ކުރެވޭނީ ގިނަވެގެން އަށްގަޑި އިރެވެ. އެއީ އެއްގަޑިއިރުގެ ހުސްވަގުތެއް ދިނުމަށްފަހުގައި ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
މިއުސޫލާ ހިލާފަށް ބޮޑު އުޖޫރައެއް ނެގިކަން ސާބިތުވެއްޖެ ނަމަ، 500 ރުފިޔާ އާއި 5000 ރުފިޔާ އާ ދެމެދުގެ ޖޫރިމަނާއެއް ކުރެއެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދު ބުނާ ގޮތަށް ފިޔަވަޅު އެޅުމާއި އުސޫލާ ހިލާފުވެއްޖެނަމަ ފުލުހުންނާ ހަވާލުކުރާނެ ކަމަށްވެސް އުސޫލުގައިވެއެވެ.
މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ބިދޭސީންނަށް އުޖޫރަ ދެވޭނެ އުސޫލެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.