ޚަބަރު

ބޭނުންވަނީ ކޯލިޝަންގެ ޕާޓީތައް ހިމެނޭ މެޖޯރިޓީ މަޖިލީހަށް ލިބުން: މައުމޫން

އަހުމަދު ޖައިޝަން

ބޭނުންވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަކީ ކޯލިޝަންގެ ޕާޓީތައް ހިމެނޭ މެޖޯރިޓީއެއް އޮތް މަޖިލީހެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އެމްއާރުއެމްގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާ އިބްރާހީމް ޒިޔަތުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މައުމޫން ވިދާޅުވީ ވަކި ޕާޓީއަކަށް މެޖޯރިޓީ ލިބުން މުހިއްމު ނޫން ކަމަށެވެ.

"އެހެންނަމަވެސް ކޯލިޝަންގެ ހަތަރު ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ސަރުކާރުން ކުރަން ބޭނުންވާ މަސައްކަތްތަކަށް މަގުފަހިވެގެން ދާނެ،" އެމަނިކުފާނު ފާހަގކުރެއްވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ކޮންމެ ދާއިރާއަކަށްވެސް ބޭނުންވަނީ ގައުމަށް ވަފާތެރި ބައެއް ތިބުން ކަމަށާއި އެއީ އެމްއާރުއެމްގެ މެމްބަރަކަށް ވުން ކޮންމެހެން މުހިއްމު ނޫން ކަމަށެވެ.

އަދި އެމްއާރުއެމްގެ ފަރާތުން މަޖިލީހަށް ކުރިމަތިލާނީ އިސްލާހީ މަސައްކަތް ކުރާނެ ބޭފުޅުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެފަދަ މަޖިލީހެއް ގާއިމުކުރުމަކީ އެމްއާރްއެމްގެ އެންމެ ބޮޑު އަމާޒު، އެކަމަށްޓަކައި އަޅުގަނޑުމެންގެ ތާއިދާއެކު ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން އެ އުޅުއްވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.