ޚަބަރު

ބައިނަލްއަގްވާމީ ދަތުރުތަކުގައި މާސްކް އަޅަން މޯލްޑިވިއަނުން އަންގައިފި

މުހައްމަދު އިޝާން

މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތައް ކުރާ ފަސިންޖަރުން މާސްކް އަޅަން އެ އެއާލައިން އަންގައިފިއެވެ.

މޯލްޑިވިއަން އިން އެގޮތަށް އެންގީ ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، މާސްކް އެޅުމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވަނިކޮށެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް މުޝިލް ސޮބާހު މިއަދު "ވަން" އަށް ވިދާޅުވީ، މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ކުރެވޭނީ މާސްކު އަޅައިގެން ކަމަށެވެ. އެއީ އެ އެއާލައިން ހެދި އުސޫލެއް ނޫން ކަމަށާއި އެއީ މޯލްޑިވިއަންއިން ދަތުރުކުރާ ބޭރު ގައުމުތަކުން އަންގާފައިވާ ގޮތް ކަމަށް މުޝިލް ވިދާޅުވިއެވެ.

އެޗްޕީއޭއިން ހޯމަ ދުވަހު ބުނެފައިވަނީ، މިދިޔަ ހަފުތާގައި ރާއްޖެއިން 142 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ.

ކޮވިޑް ސާމްޕަލް ޕޮސިޓިވިޓީ އާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ އައިޖީއެމްއެޗްގެ ހިދުމަތް ހޯދަން އެތަނަށް ޒިޔާރަތް ކުރާއިރު މާސްކް އެޅުމަށް އެ ހޮސްޕިޓަލުން ވެސް މިހާރު ވަނީ އިލްތިމާސްކޮށްފައެވެ.