ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

މަޖިލީހުގެ މެމްބަރުންނަކީ ޖަލްސާތަކަށް ހާޒިރުވެ، ވޯޓުލެވޭ ބަޔަކަށް ވާން ޖެހޭ: މައުމޫން

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާން ޖެހޭނީ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެ، މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވެ، ހުށަހެޅޭ މައްސަލަތަކަށް ވޯޓުލެވޭ ބަޔަކަށް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށް އެމްއާރުއެމްގެ ފަރާތުން ކުރިމަތިލައްވާ އިބްރާހީމް ޒިޔަތުގެ ކެމްޕެއިން ލޯންޗުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އުއްމީދަކީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ބާރުވެރިކުރާ ތަނަކަށް ހެއްދެވުން ކަމަށާއި އެކަން ވާނީ މަޖިލީހަކީ ޒިންމާދާރު އަދި ޖަވާބުދާރީވާ ތަނަކަށް ހަދައިގެން ކަމަށެވެ.

އެގޮތުން މަޖިލީހަށް ވަކި ބަޔަކު ފޮނުވާ ގާނޫނެއް ފާސްކުރާކަށް ނުޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން ފޮނުވިޔަސް، އަމިއްލަ މެމްބަރުން ފޮނުވިޔަސް، ކޮންމެ ގާނޫނެއް ފާސްވާކަށް ނުޖެހޭނެ. އެހެންނަމަވެސް އެ ގާނޫނަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ވާނެ އެއްޗެއް ވިދާޅުވާން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ ގާނޫނަކީ ރަނގަޅު ގާނޫނެއް ކަމުގައި ވާނަމަ އެކަން ބަލައިގަންނަން ޖެހޭނެ ކަމަށާއި ރަނގަޅު ނޫން ގާނޫނަކަށް ވަންޏާ އެ އަނބުރާ ފޮނުވާލަން ޖެހޭ ކަމަށް މައުމޫން ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންތައް ކުރާނީ މަޖިލީހުގެ މެމްބަރުން ޖަލްސާއަށް ހާޒިރުވެ މެމްބަރުން ލާ ވޯޓަކުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.