ސަރުކާރުން އުފެއްދި އެސްއެމްއީ ބޭންކު ހިންގުމަށް ފައިނޭންސިން ބިޒްނަސް ލައިސަންސް ދީފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް މިއަދު ދީފައިވާ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ އެ ކުންފުނިން ވިޔަފާރި ފެށުމުން ރާއްޖޭގެ އިގުތިޞާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް އެ އޮތޯރިޓީން ދެކޭ ކަމަށެވެ.
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގެ ތެރޭގައި މާލެ، އައްޑޫ، ފުވައްމުލަކު، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް %5 ހިއްސާ ހިމެނެއެވެ.