ރަށްރަށުގައި ޑޮމެސްޓިކް އެއާޕޯޓްތައް އަޅަން ސަރުކާރުން ނިންމިޔަސް، އެއާޕޯޓް އަޅަން ބޭނުންވާ ފައިސާ އަދިވެސް ލިބިފައިނުވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވަނީ މިއަހަރު ބަޖެޓުގައި ހިމަނައިފައިވާ ތޮއްޑޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން ސުވާލުކުރުމަށް މިނިސްޓަރު އަސްލަމް މިއަދު މަޖިލީހަށް ހާޒިރުކުރައްވައިފައެވެ.
އަސްލަމް އެސުވާލަށް ޖަވާބު ދެއްވުމުން، އިތުރު މެމްބަރުން ސުވާލުކުރުމަށް ހުޅުވާލި ފުރުސަތެއްގައި މެމްބަރަކު ވަނީ މި ސަރުކާރުން ޑޮމެސްޓިކް ހަ އެއާޕޯޓެއް އެޅުމަށް ނިންމައިފައިވާއިރު، އެއިން އެއްވެސް އެއާޕޯޓެއްގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަން ސަރުކާރުން އަންގާފައިނުވާ ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަތަކާ ގުޅިގެން އަސްލަމް ވިދާޅުވީ، އެއާޕޯޓް އަޅަން ފައިސާ ހަމަނުޖެހޭ ކަމަށާއި ނަމަވެސް ލާރި ހުރިކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ލާރިހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް އައިސް އެއާޕޯޓުތަކުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ލާރި ހުރިކަމަށް ޕްރޫފާއި ފައިނޭންސް ހުރިތޯ ބަލައި ޗެކްކޮށްފައި ހުރި ޕާޓީސްތަކެއް އެބަހުރި. އެގޮތަށް ޗެކްކޮށްފައި ހުރި އަދަދު އެބަހުރި 30 މިލިއަން ޑޮލަރުން މަތީގަ. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ގެންދަނީ އެ ފަރާތްތަކާއެކީގައި މެމޮރަންޑަމް އޮފް އަންޑަސްޓޭޑިންއަކަށް ދިއުމަށް. ސާޅީސް ފަސް ދުވަހުގެ ތެރޭގައި ބުނާ އަދަދަށް ފައިސާ ދޭން އެއްބަސްވާ އެއްބަސްވުމަކަށް. އެކަން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ގާނޫނީ ކަންކަންކަމެއް ހުރޭ އެކަން ކުރަމުން މި ގެންދަނީ،" އަސްލަމް ވިދާޅުވިއެވެ.
"ކްރޮސް ސަބްސިޑީ އުސޫލުން" އެއާޕޯޓްތަކެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާންކުރީ ބަދަލުގެ ގޮތުގައި ރިސޯޓު ހެދުމަށް ރަށެއް ދޭ ގޮތަށެވެ.
އެއަގުތައް ބޮޑުވެގެން އިންވެސްޓަރުން ސަރުކާރަށް ޝަކުވާކުރުމުން ސަރުކާރުން ވަނީ އެ އަގުތައް ދަށްކޮށްފައެވެ.
އެއާޕޯޓްތައް އަޅައިދޭނެ ބަޔަކު ހޯދަނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ.
އެ ގަވާއިދުގެ ދަށުން ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓާއި އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދަށް ކަނޑައަޅައި ދެވެން ހުންނާނެއެވެ.