ޚަބަރު

ކުޅިވަރުތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ކުރާ މަސައްކަތުގައި ރަނގަޅު ހިސާބަކަށް އާދެވިއްޖެ: ރައީސް

މުހައްމަދު އިޝާން

ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުސަތު ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރަނގަޅު ހިސާބަކަށް އާދެވިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެގޮތަށް ވިދާޅުވީ، އއ. އުކުޅަހުގައި މިއަދު ފަށާ ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެންޕިއަންޝިޕުގައި ބައިވެރިވުމަށް މާލެއިން ފުރާ ދިވެހި ރާޒުވާ ކުޅުންތެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެކި އުމުރުފުރައިގެ މީހުންނަށް ކުޅެވޭ އެކިއެކި ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީ އެ ކުޅިވަރުތައް ތަރައްގީ ކުރުމަށްޓަކައި ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ގެންގުޅޭ އެއް ސިޔާސަތަކީ ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ކަމަށެވެ.

އެގޮތުން ރާއްޖޭގައި ބޭރުގެ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ދިވެހި ކުޅުންތެރިންނަށް އޭގެ ފައިދާ ކުރާނެ އަދި ރާއްޖޭގައި އެ ކުޅިވަރެއް ތަރައްގީ ކުރުމަށް ލިބޭނެ ކުރިއެރުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެންޕިއަންޝިޕުގައި ތަފާތު ނުވަ ގައުމަކުން 180 ވަރަކަށް ކުޅުންތެރިން ބައިވެރިވާނެއެވެ. އެ މުބާރާތް އުކުޅަހުގައި ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހު 23 ވަނަ ދުވަހާ ހަމައަށެވެ.

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ޖޫނިއާ ޗެސް މުބާރާތް، 18 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަވާ އިރު، މި މުބާރާތުގައި ހަ ކެޓަގަރީއެއް ކުރިއަށްދާނެއެވެ. އެއީ 18 އަހަރުން ދަށް، 16 އަހަރުން ދަށް، 14 އަހަރުން ދަށް، 12 އަހަރުން ދަށް، 10 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން 8 އަހަރުން ދަށުގެ އުމުރުފުރާ އެވެ. ކޮންމެ އުމުރުފުރާއެއްގައި ވާދަކުރާނީ ކޮންމެ ގައުމަކުން އަންހެން އަދި ފިރިހެން އެންމެ ކުޅުންތެރިއެކެވެ.

އާންމު ގޮތެއްގައި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅޭ ތިން ފޯމެޓް ކަމަށްވާ، ރެޕިޑް، ކްލަސިކް އަދި ބްލިޓްޒް ބީޗް ޗެސް ފޯމެޓަށްވެސް މި މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ. ރާއްޖޭގެ 35 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވަނީ މި މުބާރާތުގައި ބޭނުންކުރާ ދިވެހި ޓީމުގެ ޖާޒީއެއް ރައީސަށް ވެދުމަށް އަރުވައިފައެވެ.