ޚަބަރު

ޕާކިސްތާނާއި އިންޑިއާއާ ދެމެދުގައި ހަމަޖެހުން ގާއިމުކުރަން ޔޫއެން އާއި ސާކް މަސައްކަތްކުރަން ޖެހޭ: ދުންޔާ

އަހުމަދު ޖައިޝަން

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާރު ހިނގަމުންދާ އަސްކަރީ ހަމަލާތަކުގެ ހަމަނުޖެހުން ހުއްޓުވައި ދެގައުމަށް ހަމަޖެހުން ގެނެސްދިނުމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން)އާއި ސައުތު އޭޝިއަންސް އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް) އިން މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ ދެ އަސްކަރީ ޖެޓު ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ވަނީ އިއްޔެ ބުނެފައެވެ. އަދި ހާދިސާއާ ގުޅިގެން އިންޑިއާގެ އެއް ޕައިލެޓު ވަނީ ޕާކިސްތާނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޕާކިސްތާނުން މިއަދު ބުނީ އެ ޕައިލެޓު މާދަމާ ދޫކޮށްލާނެ ކަމަށެވެ.

އެކަމާ ގުޅިގެން ދުންޔާ މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައި ހިނގާ ހަނގުރާމައާ ގުޅިގެން ކަންބޮޑުވެލައްވާ ކަމަށެވެ.

އަދި އެ ހަމަނުޖެހުމުގެ ސަބަބުން ގައުމުތަކާއި އެ ސަރަހައްދަށްވެސް ބޮޑެތި ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުން ރޫޅާލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.