އަލީ ޔާމިން
ތ. ތިމަރަފުށީގައި އައިއީޑީއެއް ގޮއްވާލައިގެން ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރޭވިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެރަށު އަބްދުﷲ ޝަރީފްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރުކޮށްފައެވެ.
ފުލުހުން މީގެ ކުރިން ބުނި ގޮތުގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހޮރަސަން ޕްރޮވިންސްގެ ފަރާތުން، ދިވެހިންގެ ތެރެއިން އަމީރެއްގެ ގޮތުގައި ޝަރީފް އައްޔަނުކޮށްފައިވާކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައިވެއެވެ.
ތިމަރަފުށީގައި އައިއީޑީއެއް ގޮއްވާލަން އުޅުނު މައްސަލައިގައި ޝަރީފްގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލައިފައެވެ. އެއީ، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުރުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ފަދަ ލިޔުމެއް ގެންގުޅުނު ކަމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައި ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ޝަރީފް ވަނީ އެ ހުރިހާ ދައުވާއަކަށްވެސް އިންކާރުކޮށްފައެވެ. އެހެންވެ، ދައުލަތުން ވަނީ އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުކުރުމަށް ހެކި ހުށަހަޅައިފައެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ އެ މައްސަލައަކީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނިންމަވައިފައެވެ. އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ އަޑުއެހުމަކީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން ބާއްވާ އަޑުއެހުމެކެވެ.
ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގައި އައިއީޑީއެއް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތަށް 8 މީހަކު ހައްޔަރުކުރިއިރު، އެމީހުން ގޮއްވާލަން އުޅުނީ އެރަށު މަދަރުސާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ދީނުގެ ނަމުގައި ހަރުކަށި ފިރުކު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭ ފަދަ ކްލާސްތައް ހިންގައި، ރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތް ކޮށްފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭގެ ތެރެއިން ޝަރީފް ފިޔަވައި އެހެން އެންމެންގެ މައްޗަށް ކުރަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމް އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.