ޚަބަރު

ކުޅިވަރު މަޖިލީހާއި ގައުމީ ޖަމިއްޔާތަކުގެ އިންތިހާބުތައް އީސީން ބާއްވާ ގޮތަށް ހަދަން ހުށަހެޅި ބިލު ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ކަނޑައަޅާ ފަރާތްތަކުގެ އިންތިހާބާއި ގައުމީ ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބުތައް އިލެކްޝަންސް ކޮމިޝަނުން ބާއްވަންޖެހޭ ގޮތަށް ހަދަން ހުށަހެޅި ބިލު މަޖިލީހުން ބޭރު ކޮށްލައިފިއެވެ.

މި ބިލަކީ ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލެކެވެ. މި ބިލު މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން އިސްލާހުކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައި ވަނީ ވެސް ފާސްކުރަން ނުފެންނަ ބިލެއްގެ ގޮތުގައެވެ.

އެހެންކަމުން މި ބިލަށް ވޯޓަށް އެއްސެވުމުގެ ކުރިން މަޖިލިސް ރައިސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލިސް ގަވާއިދުގައިވާ ގޮތުން، ފުރަތަމަ ވޯޓަށް އައްސަވާނީ ބިލު ފާސް ކުރެއްވުމަށްކަމަށެވެ. ބިލު ފާސް ކޮށްފިނަމަ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ބިލު ތަސްދީގު ކުރެއްވުމަށް ފޮނުއްވާނެ ކަމަށެވެ. ނަމަވެސް ބިލު ފާސް ނުކޮށްފިނަމަ، ބިލު އިސްލާހު ކުރަން އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ވޯޓަށް އައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ބިލު ފާސް ކުރަން ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 18 މެންބަރުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 35 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ފާސްކުރަން ބޭނުން ވަނީ 27 ވޯޓެވެ.

އެހެންކަމުން ބިލު އަނބުރާ ކޮމެޓީއަށް ފޮނުވާލުމަށް މަޖލިސް ރައީސް ވޯޓަށް އެެއްސެވިއެވެ. ބިލު ކޮމިޓީއަށް ފޮނުވުމަށްވެސް ފާހެއް ނުވިއެވެ. އެއީ ޖަލްސާގަގައި 60 މެންބަރުން ތިއްބެވިއިރު ބިލު ކޮމިޓީއަށް ފޮނުވާލުމަށް ވޯޓު ދެއްވީ 21 މެންބަރުންނެވެ. އެގޮތަށް ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ކޮމެޓީއަށް ފޮނުވައިލުމަށްވެސް 27 ވޯޓު ބޭނުންވެއެވެ.

އެ ބިލުގައި، މިހާރު އަމަލު ކުރަމުން އަންނަ ކުޅިވަރާބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ވަނީ ހިމަނައިފައެވެ. އެގޮތުން ކުޅިވަރާބެހޭ ގައުމީ މަޖިލީހަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހިމަނައިފައެވެ.

ކުޅިވަރާބެހޭ ގައުމީ މަޖިލީސް މިހާރު އެކުލަވާލާފައިވާ ގޮތް:

  • 1 ކުޅިވަރާބެހޭ ވުޒާރާއިން މިނިސްޓަރު އައްޔަންކުރާ ދެ މެންބަރުން
  • 2 މިނިސްޓަރު އައްޔަންކުރާ ދެ އަންހެން މެންބަރުން
  • 3 އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލުކުރުމަށް މިނިސްޓަރު އައްޔަންކުރާ އެއް މެންބަރު
  • 4 މިނިސްޓަރު އައްޔަންކުރާ އެއް ގާނޫނީ ވަކީލު
  • 5 ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލުކުރުމަށް ދެ މެންބަރުން އަދި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލުކުރުމަށް ދެ މެންބަރުން
  • 6 މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ އެއް މެންބަރު

ގާނޫނުގެ 12 ވަނަ މާއްދާގައި ބުނެފައިވާ 11 މެންބަރުންގެ މައްޗަށް އެކުލެވޭ ކުޅިވަރާބެހޭ ގައުމީ މަޖިލިސް އެތުރިފައިވާ ގޮތަށް ބަދަލުގެނައުމަށް އެ މާއްދާގެ (ނ)ގެ ތިންވަނަ ނަމްބަރު އިސްލާހުކޮށް، ތައުލީމީ ދާއިރާ ތަމުސީލު ކުރުމަށް ތައުލީމާބެހޭ ވަޒީރު އައްޔަންކުރާ އެއް މެމްބަރު ހިމެނުމަށް ވަނީ ކަނޑައަޅައިފައެވެ. އަދި ހަތަރު ވަނަ ނަންބަރުގައި ހިމެނޭ މިނިސްޓަރު އައްޔަންކުރާ ގާނޫނީ ވަކީލުގެ ބަދަލުގައި މޯލްޑިވްސް ބާ ކައުންސިލް ތަމުސީލު ކުރުމަށް އެ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީން އައްޔަންކުރާ އެއް ގާނޫނީ ވަކީލު ހިމެނުމަށްވެސް ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން އެ މާއްދާގެ (މ)ގެ ފަހަރަށް އަކުރުތަކެއް އިތުރުކޮށް، ގައުމީ މަޖިލީހުގައި ހިމެނޭ ބައެއް މެންބަރުން އިންތިހާބު ކުރަންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އެގޮތުން ފަސްވަނަ ނަންބަރުގައި ބުނެފައިވާ، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކު ކުޅިވަރުތައް ތަމުސީލު ކުރުމަށް ކަނޑައަޅާ ދެ މެންބަރުންގެ ތެރެއިން އެއް މެމްބަރާއި ނޮން އޮލިމްޕިކު ކުޅިވަރިތައް ތަމުސީލުކުރުމަށް ކަނޑައަޅާ ދެ މެންބަރުންގެ ތެރެއިން އެއް މެމްބަރު ވާންވާނީ އަންހެނަކަށް ކަމަށްވެސް ހިމަނާފައިވެއެވެ. އަދި އެ މަގާމުތަކަށް މީހުން ކަނޑައަޅާނީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އިންތިހާބަކުން ކަމަށާއި އެ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި މެންބަރު ކަމަށް ހޮވޭނީ އެ އިންތިހާބުގައި ވާދަކުރި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބުނު ފަރާތްތައް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

އެކަމަށްޓަކައި އެ ގާނޫނުގެ 51 ވަނަ މާއްދާގެ ފަހަތަށް ވަކި މާއްދާއެއް ވަނީ އިތުރުކޮށްފައެވެ.

އެ މާއްދާގައި ބުނަނީ، ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ކަނޑައަޅާ ފަރާތްތަކުގެ އިންތިހާބާއި ގައުމީ ކުޅިވަރު ޖަމިއްްޔާތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިހާބުތައް ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި އެ އިންތިހާބުތަކާ ގުޅޭ އެންމެހާ ކަންކަން އިންތިޒާމުކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ. އަދި އެ އިންތިހާބުތައް ބޭއްވުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުމާއި އެހެނިހެން ވަސީލަތްތައް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުން އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ކުޅިވަރާބެހޭ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ދައުލަތުގެ އެއްވެސް އެހެން އިދާރާއަކުން މުސާރައެއް ނުވަތަ އިނާޔަތެއް ލިބޭ މެންބަރުން ފިޔަވައި އެހެން މެންބަރުންނަށް އިނާޔަތެއް ކަނޑައެޅިދާނެކަމަށްވެސް ވަނީ ހިމަނައިފައެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށީގެން ހަ މަސް ދުވަހުގެ ތެރޭގައި ކުޅިވަރާބެހޭ ގައުމީ މަޖިލިސް އަލުން އެކުލަވައިލަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެެރެއިން މިނިސްޓަރުގެ މަސްއޫލިއްޔަތާއި ބާރުތައް ހިމެނޭ ވަކި ބާބެއް ގާނޫނަށް އިތުރު ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ހަރުދަނާކުރުމަށް އިތުރު އިސްލާހުތަކެއް ގެނެސް އެ ކޯޕަރޭޝަނާއި ލޯކަލް ކައުންސިލްތަކާ އޮންނަ ގުޅުން ރަނގަޅުކޮށް ރަށްރަށުގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް، އެ ކޯޕަރޭޝަނާ ހަވާލު ކުރެވޭ ގޮތަށް ވަކި މާއްދާއެއް ވަނީ އިތުރުކޮށްފައެވެ.