އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ގޮވާލާ ހާއްސަ ޕެޓިޝަނެއްގައި ސޮއިކުރުމުގެ ހަރަކާތެއް މާދަމާ ފެށުމަށް ނިންމައިފި އެވެ.
އެ ހަރަކާތް ކުރިއަށް ގެންދާނީ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ އިސްކޮށް ހުންވައިގެންނެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަރަކާތް ކުރިއަށްދާނީ 1600 އިން ފެށިގެން އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.
ޝުނާނާ އިސްކޮށް ހުންނަވައިގެން މި މަހު 15ގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޭސީސީން ފެއިލްވެފައިވާ ކަމަށް ބުނެ މެމްބަރުން އިސްތިއުފާ ދިނުމަށް ގޮވާލައި މުޒާހަރާއެއްވެސް ކުރިއަށް ގެންގޮސްފައެވެ.
އާންމުންގެ ފަރާތްތަކުން ގިނަ ބޯޑުތަކާއެކު ބައިވެރިވި އެ މުޒާހަރާގައި ގޮވާލާފައިވަނީ ކޮރަޕްޝަން ހުއްޓުމާއި އޭސީސީ މެމްބަރުން ބޭރު ކުރުމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުންކުރި މަޖިލިސް މެމްބަރުން ހާމަކޮށް، އެ ފައިސާ ލިބުނު މަޖިލިސް މެމްބަރުން މިއަހަރުގެ މަޖިލިސް އިންތިހާބުގައި ނުހޮވުމަށްވެސް ވަނީ އެ މުޒާހަރާގެ ބައިވެރިން ގޮވާލައިފައެވެ.