ފްރެންޗެސްކޯ މޮރިއޭރޯ

ރާއްޖޭގެ ކުޅުންތެރިން ހޯދީ ހައްގު މޮޅެއް، ޗެލެންޖުތަކާއެކު ކުރިއަށް ދާނެ: މޮރިއޭރޯ

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން އިއްޔެ ހޯދީ ހައްގު މޮޅެއް ކަމަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

އިއްޔެ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަކީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި ކުޅުނު އެންމެފަހު މެޗެވެ. މި މެޗަށް ނުކުތް އިރުވެސް ރާއްޖެއަށް އޮތީ އަންނަ އަހަރުގެ އޭޝިއަން ކަޕުގެ ފުރުސަތު ގެއްލިފައެވެ. އެއީ ގްރޫޕުގެ ދެވަނަ ލިބެން ނެތުމުންނެވެ. ރާއްޖެއިން އިއްޔެގެ ކުރިން ކޮލިފިކޭޝަންގައި ކުޅުނު އަނެއް ދެމެޗުންވެސް އޮތީ ބަލިވެފައެވެ. އެއީ ފުރަތަމަ މެޗުގައި ތައިލެންޑު ކައިރީ 3-0 އިން ވި ބައްޔާއި ދެވަނަ މެޗުގައި އުޒްބެކިސްތާނު އަތުން 4-0 އިން ވި ބައްޔެވެ.

ލަންކާ އާއި ރާއްޖެއަށްވެސް ކޮލިފިކޭޝަން ފުރުސަތު އިއްޔެގެ މެޗަށް ނުކުތް އިރަކު ނެތެވެ. ލަންކާ އާއި ރާއްޖެއަށްވެސް ކުރީ މެޗުތަކުން މޮޅެއް ނުހޯދި އޮތުމުން މި މެޗުން މުހިއްމުވީ މޮޅެއް ހޯދުމެވެ. އެއީ ހިތްހަމަ ޖެހުމަކާއެކު ކޮލިފިކޭޝަން ނިންމާލުމަށެވެ. މި މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލާއެކު ރާއްޖެއިން މެޗު ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ކޯޗު މޮރިއޭރޯ ބުނީ ތައިލެންޑާ ދެކޮޅަށް ފުރަތަމަ ކުޅުނު މެޗުން ފެށިގެން އެންމެ ފަހު މެޗާ ހަމައަށްވެސް ރާއްޖެއިން އައީ އަމިއްލަ ފިލޯސަފީއެއްގައި ކުޅެމުން ކަމަށާއި، ކުޅުންތެރިން ހޯދީ ހައްގު މޮޅެއް ކަމަށެވެ.

"ތައިލެންޑާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ފެށިގެންވެސް ރާއްޖޭގެ ޓީމުން އަމިއްލަ ގޮތް، އަމިއްލަ ފިލޯސަފީ ގެއްލުވާނުލައި މި ކުޅެނީ. އެއީ ރަނގަޅެއް. ލަންކާއާ ދެކޮޅަށް ކުޅުމަކީވެސް ފަސޭހަ ކަމެއް ނޫން. އެއީ އުނދަގޫ ކަމެއް. ޑިފެންސިވްލީ ވަރުގަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ ލަންކާ އުނދަގޫވާ ކަމެއް. އަހަރެން ފެށިއިރުވެސް ބުނިން ފާސްޓްކޮށް ކުޅެން. މިއީ މުހިއްމު މޮޅެއް. ހާއްސަ މޮޅެއް. އެއީ މިދިޔަ ތިން މެޗުގައިވެސް ރަނގަޅަށް ކުޅެ، މިއީ ހައްގު މޮޅެއް،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ އިތުރަށް ފާހަގަކުރީ ގައުމީ ޓީމުތަކަށް އެވަރެޖްކޮށް ދިމާވާ މައިގަނޑު މައްސަލައެއްގެ ވާހަކައެވެ. އެއީ ގައުމީ ޓީމަށް ކުޅުންތެރިން ދާއިރު ރަނގަޅަށް ލީގުގައި ނުކުޅެވި ތިބޭ ތިބުމުގެ މައްސަލައެވެ. ކޯޗު މޮރިއޭރޯ ބުނީ އެ މައްސަލައިގެ ވާހަކަ އުޒްބެކިސްތާނުގެ ސްލޮވީނިއާ ކޯޗު ސްރެކޯ ކަޓާނިއެކްވެސް އޭނާ ގާތު ދެއްކި ކަމަށެވެ.

"އުޒްބެކިސްތާނުގެ ކޯޗު ކާޓާނިއެކާ އަހަރެން ވާހަކަ ދެއްކިން. އޭނާއަށް އުޒްބެކިސްތާނުގައި ލިބިފައި އޮތީ ވަރަށް ރަނގަޅު ޓީމެއް. އެކަަމަކު، އޭނާއަށް ވެސް އޮތީ ދުނިޔޭގެ ހުރިހާ ގައުމީ ޓީމުތަކުގެ ކޯޗުންނަށް އޮތް މައްސަލަ، އަހަރެމެންނަށް ކުޅުންތެރިން ލިބޭއިރު، ގިނަ ކުޅުންތެރިން ކްލަބް ލެވަލްގައި ނުކުޅެ މިތިބެނީ. ދެން އަހަރެމެންނާއެކު ޓްރެއިނިން ގެންދަން މި ލިބެނީ މަދު ވަގުތެއް، މި ހުރިހާ ޗެލެންޖަކާއެކުވެސް ރަނގަޅު ނަތީޖާ ނެރެން މި މަސައްކަތް ކުރަނީ،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން އެންމެ ފުރަތަމަ ރަސްމީ މެޗަކަށް ނުކުތީ ލަންކާއާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖެ އާއި ލަންކާ އެއްވަރުވީ 4-4 އިންނެވެ. އެ މެޗުގެ 57 ވަނަ މިނިޓް ކުޅެވުނުއިރު، ރާއްޖެ އޮތީ ހަތަރު ގޯލު ކުރީގަ އެވެ. އެކަމަކު، ލަންކާގެ ފޯވާޑް ވަސީމް ރަޒީކް ޖެހި ހަތަރު ގޯލާ އެކު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެންމެ ފަހުން ލަންކާއާ ކުޅުނު މެޗާއި މި މެޗުގައި ހުރި ތަފާތަކީ ކޮބައިތޯ އެހުމުން މޮރިއޭރޯ ބުނީ ލަންކާގައި ކުޅުނު މެޗުގެ ހަނދާންތައް އަދިވެސް އެބަހުރި ކަމަށާއި އޭރުގެ ހާލަތާއި މިހާރު ޓީމު ދައްކަމުން އަންނަ ކުޅުން ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.

"އެ މެޗުގައި އަހަރެމެންނަށް ފުރަތަމަ ހާފުގައި 10 ގޯލު ވެސް ޖެހެންދިޔަ، އެކަމަކު، ނިމުނީ 4-4 އިން އެއްވަރުވެގެން، އަހަރެން އޭރުވެސް ބުނިން މިސްޓޭކްސް ހެދިގެން، އޭގެއިން ކަންކަން ދަސްކޮށްގެންނޭ ކުރިއަށް ދެވޭނީ،" މޮރިއޭރޯ ބުންޏެވެ.